ގިނަ އަދަދެއްގެ މަސްތުވާތަކެތި ބަރުކޮށްގެން ދަނިކޮށް ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް މަސް ބޯޓަށް ޑްރަގް އެރުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނޫން ކަމަށް، ލަންކާގެ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ.
މި މައްސަލައާ ގުޅިގެން ލަންކާގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، “ސީދޭވީ”ގެ ނަން ދީފައިވާ އެ ބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުންނެވެ. ނަމަވެސް ދިވެހި ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، 355 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އެ ބޯޓަކީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ލަންކާގެ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ކަމުގެ މައުލޫމާތު ލިބުނީ ލަންކާގެ ގޯލް ސިޓީގައި އެ އުޅަނދުގެ ވެރިފަރާތް ހައްޔަރުކުރުމަށް ފަހު ހިންގި ތަހުގީގެއްގެ ތެރެއިންނެވެ. ޑްރަގާ އެކު އަތުލައިގަތް ބޯޓަކީ މަސް ބޯޓެއް ނަމަވެސް، އެ އުޅަނދުގައި މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބޯޓުގެ ވެރިފަރާތުން ބުނެފައި ވަނީ، މަސްވެރިކަން ކުރުމަށް އުޅަނދު ހަވާލުކުރީ އޭނާގެ ޅިޔަނަކަށް ކަމަށާއި، މަސްތުވާތަކެތި އެތެރެކުރުމަށް އެ ބޯޓު ބޭނުންކުރާކަން އޭނާއަށް ނޭނގޭ ކަމަށެވެ.
ބޯޓު ބަލައި ފާސްކުރިއިރު، 251 ކިލޯގެ ކްރިސްޓަލް މެތު (އައިސް) އާއި 85 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. މި ތަކެއްޗާއެކު ޖުމްލަ 6 މީހުން ހައްޔަރުކޮށްފައިވާއިރު، އެމީހުން ގެންދިޔަ މަސްތުވާތަކެތީގެ މަގުމަތީގެ އަގު 5 ބިލިއަން ރުޕީސްއަށް އަރާ ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ލަންކާގެ ފުލުހުން ބުނާ ގޮތުގައި، މަސްތުވާތަކެތި އެތެރެ ކުރުމުގެ މި އޮޕަރޭޝަނުގެ އެންމެ ބޮޑު މާސްޓާމައިންޑަކަށް ހުރީ ދުބާއީގައި ދިރިއުޅޭ، “ޑިނުކާ” ނަމަކަށް ކިޔާ މީހެކެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ލަންކާގެ ފުލުހުން ދަނީ ކުރަމުންނެވެ.

