މާލެސިޓީގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާ ގޮތަށް، ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އިތުރު އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ފުލުހުން އަލުން ފަށައިފި އެވެ. މިއީ މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ފިޔަވަޅެކެވެ.
ފުލުހުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އާންމު ދަތުރުފަތުރަށް ހުރަސް އަޅައި، ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯވްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އާންމުންގެ ކިބައިން އެދިފައިވަނީ، އުޅަނދުތައް ޕާކުކުރާއިރު ކަފިހި ހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅި ކަންމަތީގައި ޕާކު ކުރުމުގެ ބަދަލުގައި، ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކްކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.
މާލޭގައި ޕާކިންގެ މައްސަލައަކީ ދުވަހުން ދުވަހަށް އިތުރުވަމުންދާ ވެހިކަލްތަކާ އެކު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ޕާކިންގެ މައްސަލަ ހައްލު ކުރެވޭތޯ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގޮސްފައިވީ ނަމަވެސް، އަދިވެސް އެދެވޭ ވަރުގެ ހައްލެއް ލިބިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން މަގުތަކުގެ ތޮއްޖެހުން ބޮޑުވެ، އާންމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ފުލުހުން މީގެ ކުރިންވެސް ވަނީ ޤަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލަ ހައްލުކުރުމަށް އާންމުންގެ އެއްބާރުލުން އެދިފައެވެ.
ފުލުހުން ވިދާޅުވީ، މާލޭގެ މަގުތައް ތަރުތީބުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާ ކަމަށެވެ. މަގުތަކުގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުން ދަނީ އިތުރަށް ގޮވާލަމުންނެވެ.

