ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ ނޯޓީފޯޓީ އާއި ފޯޓީ ޕްލަސް ފަދަ ހިޓް ފިލްމްތަކަށް ފަހު، އެންމެންގެ އިންތިޒާރުގައި އޮތް ކޮމެޑީ ފިލްމް ކޮސް ގިނަ މިސްޓޭކް
(ކޭޖީއެމް) ބެލުންތެރިންނާއި ހަމަޔަށް ގެނެސްދިނުމަށް އެންމެ ދުވަހަކަށް ވީއެވެ. މިއަހަރުގެ އެންމެ ވަރުގަދަ އެއް ފިލްމަށް ވާނެ ކޭޖީއެމް މާދަމާރޭ، ނޮވެމްބަރ 5 ގައި މި ފިލްމް އޮލިމްޕަސް ސިނަމާގައި ޕްރިމިއަރ ކުރާނެއެވެ.
ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ މި ފިލްމަކީ މި އަހަރު އޮލިމްޕަސް ސިނެމާގައި އަލަށް އެޅުވިގެންދާނެ ހަމައެކަނި ރޮމްކޮމް ފިލްމެވެ. އަދި މި ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދި އެންމެ މަޝްހޫރު ތަރިން އެއް ފިލްމަކުން ފެނިގެންދާނެ ފިލްމަކަށް ވެސް މި ފިލްމް ވެގެންދާނެއެވެ.
މި ފިލްމްގެ ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤު ވިދާޅުވެފައިވަނީ މި ފިލްމަކީވެސް ބެލުންތެރިން ކޮސް ކޮށްލާ ހެއްވާލާނެ
ވަރުގެ ފިލްމަކަށް ވާނެ ކަމަށެވެ. މި ފިލްމް އުފައްދާ ސެޓާން ސްޓޫޑިއޯ އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު ޕްރޮޑަކްޝަން ހައުސްގެ އިތުރުން، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް ކަމަނާ
އާއި، މި އަހަރުގެ މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމް ކަނބުލޮ
ފަދަ ފިލްމް އުފައްދާ، ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ސްޓޫޑިއޯއެކެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިންވެސް ފިލްމްތަކެއް ވަނީ ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައެވެ.
ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންއެވެ. މި ފިލްމް ޝޫޓް ކޮށްފައިވަނީ މިއަހަރު ކުރީކޮޅު މ.މުލަކުގައެވެ. މި ފިލްމަކީ ރާއްޖޭގެ މަޝްހޫރު ގިނަ ތަރިން އެއް ފިލްމަކުން ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން ފިލްމުގެ ހުރިހާ ތަރިންގެ ރޯލުވެސް އެއްވަރަކަށް ފެނިގެންދާއިރު ތަރިންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން ގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ. ފިލްމްގެ ކެމެރާމަނަކީ އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އިންނެވެ. އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދުއެވެ.
މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމްގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދު ޣަނީ (ތޭރަ)، މަރިޔަމް އަޝްފާ، އާއި ޖަލާލްގެ އިތުރުން ފުބޫއެވެ.
މި ފިލްމް އޮލިމްޕަސް ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 19ގެ ނިޔަލަށެވެ.
މިހާރު މި ފިލްމްގެ ޓިކެޓް އޮލިމްޕަސް ޓިކެޓް ކައުންޓަރުން ވިކެމުންދާއިރު، 7743399 އަށް ވައިބަރ މެދުވެރިކޮށްވެސް ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި އާއި، ރިސޯޓްތަކުގައި މި ފިލްމް ސްކްރީން ކުރުމަށް ބޭނުންވާ ފަރާތްތަކުން 7779621 / 9111164 އަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރެއްވުމަށްވެސް ޕްރޮޑަކްޝަން ހައުސްއިން ވަނީ އެދިފައެވެ.

