އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު، ޝަރީއަތް ނިމެންދެން އަނެއްކާވެސް ބަންދުކޮށްފިއެވެ. ލަމްހާ އަލުން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމީ، މީގެ ކުރިން އޭނާ ބަންދު ކުރުމާ ދެކޮޅު ހެދި ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރުމާ ގުޅިގެން މައްސަލަ ބައްލަވާ ވަގުތީ ގާޒީއެކެވެ.
މޭރީގެ މަރާ ގުޅިގެން ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ދޫކޮށްލުމުން، ދައުލަތުން ވަނީ މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން އަލުން ބަންދު ކޮށްފައެވެ. ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023 ގައެވެ. އެ ފަހަރު ވެސް ދައުލަތުން މައްސަލަ އިސްތިއުނާފުކުރި އިރު، އޭގެ ފަހުން ވެސް ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ދިޔައެވެ.
ލަމްހާގެ މައްސަލައިގައި ކުރިން ގާޒީ ފާއިޒް ވިދާޅުވެފައިވަނީ، އޭރު ބަންދުން ދޫކޮށްލާފައިހުރި ލަމްހާ، އަލުން ބަންދުކުރުމާމެދު ގޮތެއް ނިންމޭނީ އޭނާގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކާ ބެލުމަށް އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށެވެ. އެ އެސެސްމަންޓް ހެދުމަށް ދައުލަތަށް އަންގާފައިވީ ނަމަވެސް، މިއަދު އޭނާ އަލުން ބަންދު ކުރީ އެފަދަ އެސެސްމެންޓެއް ހަދައިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މޭރީގެ ހަށިގަނޑު، ދަންޖެހިގެން ޚަބަރު ހުސްވެފައިވާ ކަމަށް ބުނެ، ހޮސްޕިޓަލަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން، މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށް ތުހުމަތުކުރެވޭ ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވި ކަމަށް ފުރަތަމަ އޭނާގެ ފިރިމީހާ މާވިން ބުނި ނަމަވެސް، ފަހުން އެއީ ގަސްތުގައި މީހަކު މަރާލާފައިވާ ކަމެއްކަން ހާމަވިއެވެ. މި މައްސަލާގައި މާވިންގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، ލަމްހާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުން، އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

