ނިލަންދޫ ކައުންސިލް ރާވެރިޔާ ވޮލީ މުބާރާތް 2025 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ގެމަނަފުށިން މާމެންދޫ ބަލިކޮށް ގެމަނަފުށިން މުބާރާތުގެ އުއްމީދު އާކޮށްފިއެވެ.
ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މި މެޗު އެޓީމުން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
ބޮންބޮން އާއި ވާދަކުރި މެޗުން ބަލިވެފައިވުމާއިއެކު މިއީ މޮޅުވާން މަޖުބޫރު މެޗެކެވެ. މި މެޗުގައި ގެމަނަފުށިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މިމެޗުގެ ފުރަތަމަ ސެޓުން ފަށައިގެން ގެމަނަފުށިން ކުޅެމުންދިޔައީ ބޮޑު ލީޑެއްގައި އޮވެގެންނެވެ. މިމެޗުގައި ގެމަނަފުށީގެ ރަފާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވިއެވެ. ރަނގަޅު ނިންމުންތަކެއް ނިންމައި ފުރަތަމަ ސެޓު 25-11 އިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު 25-17 އިން ކާމިޔާބު ކުރިއެވެ. 3 ވަނަ ސެޓުގައި މާމެންދޫ ޓީމްގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވެއެވެ. މި ސެޓު ގެމަނަފުށިން ކާމިޔާބު ކުރީ 25-10 އަކުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ގެމަނަފުށީގެ ޖާޒީ ނަންބަރު 11 އާމިނަތު ރަފާ އިބްރާހިމް އެވެ.
މުބާރާތުގެ ފިރިހެން 6 ޓީމް ބަހާލައިފައިވަނީ ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮންބޮން ސްޕޯޓްސް ކްލަބް ލެޖެންޑްސް، އަދި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް އެވެ.
ގްރޫޕް ބީގައި ހިމެނެނީ ބޮންބޮން ސްޕޯޓްސް ކުލަބު، މަރަޓާ ވޮލީބޯލް ޓީމް، އަދި ދަ ރެޒިޑެންސް މޯލްޑިވްސްއެވެ.
މި މުބާރާތުގައި އަންހެން ޑީވިޝަންގެ 4 ޓީމް ބައިވެރިވެފައި ވުމާއިއެކު މި ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންމެ ފަހުގެ ގެމަނަފުށި ވޮލީބޯލް ކުލަބު، ގއ މާމެންދޫ ވުމެންސް ޓީމް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، އަދި ބޮންބޮން ސްޕޯޓްސް ކުލަބެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިމާލް ( ބުޅިކޭ ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ. އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ކެޕްޓަން މާޖިދާ، މާޔާ، ހައްވަ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

