މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރީންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ، މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ދެމީހަކު ނިޔާވުމާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
މިދިޔަ އާދީއްތަ ދުވަހު، އެމްޕީއެލްއާ ދިމާލުން ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި، އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ އަލީ އަފްލާހް އަބްދުﷲ އާއި ބަންގްލާދޭޝްގެ މަސްއޫދު ހުސައިން ނިޔާވުމާ ގުޅިގެން، އެ ކުންފުނީގެ ވެރީންނަށާއި މުވައްޒަފުންނަށް އަދި ދެ މަރުޙޫމުންގެ އާއިލާއަށް ރައީސް ވަނީ ތައުޒިޔާ ދަންނަވާފައެވެ. އަދި ނިޔާވި ދެ ފަރާތަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށާއި، އެ ހާދިސާގައި އަނިޔާވި ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދި ދުއާ ދަންނަވާފައިވެއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނާއި ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މަސައްކަތުގެ ސަލާމަތީ މިންގަނޑުތަކަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހާދިސާ ހިނގިއިރު، އެމްއެންޑީއެފްގެ މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ތެރޭގައި މީހަކު ހުރިކަމުގެ މައުލޫމާތު ލިބިގެން އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ މަސައްކަތްކޮށް އެ މީހާ ނަގާފައެވެ. ފުލުހުން ވިދާޅުވީ ހާދިސާ ހިނގި ވަގުތު ކޮޅުވެއްޓީގައި 14 މީހުން ތިބި ކަމަށާއި، ޖުމްލަ 6 މީހަކަށް އަނިޔާވި ކަމަށެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި ދެ ބިދޭސީންނެވެ.

