މިދިޔަ އާދީއްތަ ދުވަހު، މާލެ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ޒުވާނަކާއި ބަންގްލާދޭޝްގެ ޒުވާނަކު ނިޔާވުމާއި ގުޅިގެން، އެ ކުންފުނީގެ ވެރީންނަށާއި މުވައްޒަފުންނަށް އަދި ދެ މަރުޙޫމުންގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ މި ޙާދިސާގައި ނިޔާވި މަރުޙޫމް ޢަލީ އަފްލާޙް ޢަބްދުﷲ އަށާއި، މަރްޙޫމް މަސްޢޫދު ޙުސައިން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފަ އެވެ. މީގެ އިތުރުން، މި ޙާދިސާގައި އަނިޔާވި އެހެން ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ވެސް އެމަނިކުފާނު ވަނީ ދުޢާކުރައްވާފަ އެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި މި ހާދިސާގައި ޖުމްލަ 14 މީހަކު ތިއްބެވެ. މި ޙާދިސާގައި ފުރަތަމަ ނިޔާވީ ބިދޭސީ މީހާ އެވެ. ދިވެހި ޒުވާނާ ނިޔާވީ އެ ރޭގެ ފަތިހު އެވެ. އަދި މި ޙާދިސާގައި އިތުރު ހަތަރު މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަސައްކަތުގެ މިފަދަ ކޮންމެ މާޙައުލެއްގައިވެސް، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ. އަދި މާތްﷲގެ ޙަޟްރަތުން އެންމެންނަށް ރައްކާތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައި ވެ އެވެ. މި ޙާދިސާ އަކީ މަސައްކަތުގެ މާޙައުލުގައި ސަލާމަތީ ކަންކަމަށް އިތުރަށް ސަމާލުކަން ދޭންޖެހޭކަން ހަނދާންކޮށްދިން ހިތާމަވެރި ޙާދިސާއެކެވެ.

