ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ރައީސް މުއިއްޒު މި ޚިދުމަތް އިފްތިތާހުކޮށްދެއްވުމަށްފަހު ވަނީ އެތަން ބައްލަވާލައްވައި، ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތާ ބެހޭ މައުލޫމާތު އޮޅުން ފިލުއްވާފައެވެ. އެމަނިކުފާނު މިއަދު ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، ސިޓީގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
މި މަޝްރޫއަކީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް ކަމަށް ހޮސްޕިޓަލުން ފާހަގަކުރެއެވެ. ސިއްހީ ވުޒާރާއިން މި ޚިދުމަތް ފެށުމަށްޓަކައި 2023 ވަނަ އަހަރު ވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. އެގޮތުން ހަވާލުކުރެވުނު މަސައްކަތުގެ ތެރޭގައި ހޮސްޕިޓަލުގެ އިމާރާތަށް ބަދަލު ގެނެސް، ސީޓީ ސްކޭންގެ ޚިދުމަތް ދިނުމަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުއެވެ.
މި މަޝްރޫއަކީ ދެ މިލިޔަން ނުވަލައްކައަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ. ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، މި ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިއީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފުވައްމުލަކުގެ ސިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެ ސިޓީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދުމަތަކީ ސީޓީ ސްކޭންގެ ޚިދުމަތްކަން އެރަށު ހޮސްޕިޓަލުން ފާހަގަކުރެއެވެ. 12,000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ސިއްހީ ޚިދުމަތް ދިނުމުގައި ކުރިމަތިވި ޖާގައިގެ ދަތިކަން ހައްލުކުރުމަށް 2022 ވަނަ އަހަރު ވަނީ އައު އިމާރާތެއްވެސް ތަރައްގީކޮށްފައެވެ.


