ކ. ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ހިލައިގެ ފުރަތަމަ ބެޗް މަސައްކަތު ސައިޓަށް ގެނެވިފައިވާ ކަމަށް، މި މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި ބެޗް ގެނެވުމާއެކު، މަޝްރޫޢުގެ މުހިންމު މަރުޙަލާއަކަށް ވަދެފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޓީސީސީން ވިދާޅުވީ، ހިލައިގެ ފުރަތަމަ ޝިޕްމަންޓް ރަށަށް ގެނެވިފައިވާތީ، މިހާރު ވެލި ބަންޑު އެޅުމުގެ މަސައްކަތަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ ބޭރު ތޮށީގެ ބެޑު ޕްރެޕަރޭޝަންގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމުލަ 268 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތާއި، 46 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތެވެ. މި މަސައްކަތްތަކަކީ ބަނދަރުގެ ހިމާޔަތަށްޓަކައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެކެވެ.
މި މަޝްރޫޢަކީ އެމްއެންޑީއެފް (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް) އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އެމްޓީސީސީން ބުނާ ގޮތުގައި މި މަޝްރޫޢަށް ޖުމުލަ 8.3 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. ގިރިފުއްޓަކީ ސިފައިންގެ ތަމްރީނުގެ ބޭނުންތަކަށް ބޭނުންކުރަމުންދާ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

