ނ. ފޮއްދޫގައި ގާއިމްކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒުގެ މަސައްކަތުގެ ތެރެއިން ސްޓްރަކްޗާ ފްރޭމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީ އިން ވިދާޅުވީ، ފޮއްދޫގައި ގާއިމްކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ، މަރުކަޒުގެ ސްޓްރަކްޗާ ފްރޭމް ކުރުމުގެ މަސައްކަތާއި އަދި ފްރޭމްތައް ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއަކީ، ފޮއްދޫގެ 344 މީހުންގެ އާބާދީއަށް، ރައްޔިތުންގެ ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. އެއް ބުރީގެ މި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކީ ރަށުގެ އާބާދީއަށް ފަސޭހައިން ކަސްރަތު ކުރުމުގެ ފުރުސަތުތައް ފަހިކޮށްދޭނެ ތަނެކެވެ.
ފޮއްދޫގައި އެމްޓީސީސީން ހިންގާ ހަ މަޝްރޫއުތަކުގެ ތެރޭގައި މި ފިޓްނަސް ސެންޓަރު ތަރައްގީ ކުރުން ހިމެނެއެވެ. އެހެން މަޝްރޫއުތަކުގެ ތެރޭގައި ފޮއްދޫގައި ޕޮލިސް ޕޯސްޓެއް ބިނާކުރުމާއި، ހެލްތު ސެންޓަރަށް ދެ ބުރީގެ އާ އިމާރާތެއް އިތުރުކުރުމާއި، އައުޓްޑޯ ޖިމެއް ތަރައްގީ ކުރުމާއި، ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމުގެ އިތުރުން ރަށުގެ ބަނދަރު ތަރައްގީ ކުރުން ހިމެނެއެވެ.
1980 ވަނަ އަހަރު އުފެދިފައިވާ އެމްޓީސީސީ އަކީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެކެވެ

