ޏ. ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ވަނީ ބާއްވައިފައެވެ. ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް، އޮނަރަބަލް އާދަމް ޝަރީފް އުމަރެވެ. މި މަޝްރޫޢަކީ ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުންނަށް ދިރިއުޅުމުގެ ލުއިފަސޭހަ ގޮތްތައް ހޯދައިދީ، ރަށުގެ އަމަންއަމާންކަން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއ،ި ފުވައްމުލަކު ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ދަށުން، 11,946 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެއެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 3982 އަކަފޫޓު ހުންނާނެއެވެ.
މި މަޝްރޫޢަކީ 19.17 މިލިއަން ރުފިޔާއަށް، 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި، 14000 މީހުންގެ އާބާދީއެއް ދިރިއުޅޭ ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް ޤާއިމުކުރެވިގެން ދިއުމަކީ، ރަށުގައި ކުށް މަދުކޮށް ރަށުގެ އިޖުތިމާޢީ ތަރައްޤީއާއި އަމަންއަމާންކަން ޤާއިމުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރަކާއި ބާރެއް ލިބިގެންދާނޭ ކަމެކެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

