އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަޝްހޫރު ސަކްރާ ވޯލްޑް ޙޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ހުޅުމާލެ ހޮސްޕިޓަލާއި ދެމެދު ގުޅިގެން މަސައްކަތް ކުރުމަށް ބާރު ލިބިގެންދާ މުހިންމު ފަހުމުނާމާއެއް (އެމްއޯޔޫ) ގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގެ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ފަންނީ އެހީތެރިކަން ސަކްރާ ހޮސްޕިޓަލުން ފޯރުކޮށްދޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭ ހޮސްޕިޓަލަށް ޙާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ އެހީތެރިކަން ލިބި، ފަންނީ އެކި ތަމްރީނުތައް ދިނުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން، ހޮސްޕިޓަލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެހީތެރިވުމާއި، ހޮސްޕިޓަލުގައި ޒަމާނީ ޚިދުމަތްތައް ޤާއިމް ކުރުމަށްވެސް މި އެއްބަސްވުން މަގުފަހިކޮށްދޭނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިއެވެ. މިއީ ހުޅުމާލެ ހޮސްޕިޓަލުގެ ސިއްޙީ ފަރުވާ ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސަކްރާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ދެމެދު ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިކަމަށްޓަކައި މާގިިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގާ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ. ސަކްރާ ވޯލްޑް ހޮސްޕިޓަލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގްރޫޕްގެ ސީއޯއޯ ލަވްކޭޝް ފާސޫއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ، މި އެއްބަސްވުމުގެ ފައިދާ ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އެހެން ހޮސްޕިޓަލްތަކަށްވެސް ކުރާނެ ކަމަށެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި، “މިއީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރެއްކަމަށްވާ ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދުމަށް ދަތުރުކުރާ މީހުންގެ އަދަދު މަދު ކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް” ކަމަށެވެ.
ސަކްރާ ވޯލްޑް ހޮސްޕިޓަލުގެ ސީއޯއޯ ލަވްކޭޝް ފާސޫ ވިދާޅުވީ، މި އެއްބަސްވުމަކީ ދެ ޤައުމު ގުޅިގެން ރަނގަޅު ފެންވަރުގެ ސިއްޚީ ޚިދުމަތް ދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަސައްކަތާއެކު ދުނިޔޭގެ ފެންވަރުގެ ސިއްޚީ ޚިދުމަތް ދިވެހިންނަށް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ސަކްރާ ހޮސްޕިޓަލަކީ ޖަޕާނުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބައިނަލްއަޤްވާމީ ފެންވަރުގައި ސިއްޚީ ޚިދުމަތް ދެމުންދާ ހޮސްޕިޓަލެކެވެ. މިވަގުތު އިންޑިއާގެ ބެންގަލޫރުގައި 400 އެނދުގެ ހޮސްޕިޓަލެއް ހިންގަމުންދާއިރު، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި 4 ހޮސްޕިޓަލާއެކު 1500 އެނދުގެ ޢަދަދަށް ފުޅާކޮށް ފަރުވާގެ ފެންވަރު އިތުރަށް ވަރުގަދަ ކުރުމަށް އެ ހޮސްޕިޓަލުން ދަނީ މަސައްކަތް ކުރަމުންނެވެ. މި އެއްބަސްވުމާއެކު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބައިނަލްއަޤްވާމީ ފެންވަރުގެ ފަރުވާ ލިބިގަތުމުގެ ފުރުޞަތު ފުޅާވެގެންދާނެއެވެ.

