ފުވައްމުލަކު ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލައަކަށް ދާދި އަވަހަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވަނީ ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ކަރަންޓްގެ މައްސަލަކަން ފާހަގަކުރައްވާފައެވެ. އެ މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން މިއަދާ ހަމައަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފާހަގަކުރައްވައި، އެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކަރަންޓްގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި މިހާރުވެސް 1.2 މެގަވޯޓްގެ އިތުރު ޖެންސެޓަކަށް އޯޑަރު ޖަހާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ޖެންސެޓް ގެނެވޭނެ ތާރީޚާ ގުޅޭގޮތުން ޔަޤީންކަން ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާންމަހުގެ ކުރިން މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.
“މިހާރު އޯޑަރު ޖަހާފައިވާނެ 1.2 މެގަވޯޓްގެ އިތުރު ޖެންސެޓަކަށް. 1.2 މެގަވޯޓްގެ މި ޖެންސެޓް ގެނެވޭނެ އިރާދަކުރެއްވިއްޔާ ފެނަކައިން މިއަދުވެސް އަޅުގަނޑުމެންނަށް ޔަޤީންކަން ދެއްވި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި. މާނައަކީ ކުރިއަށް އޮތް ރަމަޟާންމަހުގެ ކުރީން އިރާދަކުރެއްވިއްޔާ ކަރަންޓްގެ މައްސަލައަކަށް ރަނގަޅު ހައްލެއް ލިބޭނެ،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަރަންޓްގެ މައްސަލަ އަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މުޅި ރާއްޖެއަށް ވެސް ދިމާވެފައި އޮތް ބޮޑު މައްސަލަ އެއް ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރައްވައި، ރައްޔިތުންނަށް އަސާސީ އެ ޚިދުމަތް ޔަޤީންކޮށް ދެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

