ފުވައްމުލަކު ސިޓީގައި، ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އާ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ. ޓޫރިސްޓު ހޮޓަލެއް ހެދުމަށާއި ފުވައްމުލަކު ސިޓީގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް އެމްއޭސީއެލްއާ އެކު ޤާއިމުކުރި މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނަޝާތު ރަޝީދެވެ. އަދި އެމްްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުވައްމުލަކު ސިޓީގައި، މި ސިޓީ ހޮޓާ ތަރައްޤީކުރުމުގެ ކަންކަމަކީ ރައްޔިތުންގެ އާމްދަނީ އިތުރުވާނެހެން، ސީދާ އަދި ނުސީދާ ފައިދާ ލިބޭނެފަދަ މަޝްރޫޢެއްކަން ފާހަގަކުރައްވައި، މި މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމުގައި ވިދާޅުވެފަ އެވެ.

