ދެކުނުގެ ހަތަރު އަތޮޅުގައި ހުރި ކުނީގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ގއ. އަތޮޅުގެ މީހުން ދިރިނޫޅޭ ރަށެއް ވޭސްޓު މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެ ރަށުގައި ދާއިމީ ވޭސްޓު މެނޭޖްމަންޓު މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އެތައް އަހަރެއް ވަންދެން ފުވައްމުލަކުގައި ނުގެންދެވި ހުރި “ލެގަސީ ވޭސްޓު” ނުވަތަ ކުނީގެ މައްސަލަ ވަރަށް ބޮޑެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން މި މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ވޭސްޓު މެނޭޖްމަންޓު މަރުކަޒު ގާއިމުކުރުމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖައްސާފައިވާ ކަމަށާއި، އެ މަސައްކަތަށް ހުރަސް އަޅާނެ އީއައިއޭގެ އެއްވެސް މައްސަލައެއް މިހާރު ނެތް ކަމަށެވެ. އަދި ވެމްކޯއިން އަމަލީ މަސައްކަތް ފެށުމަށް ތައްޔާރީތައް ވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ދެކުނުގެ ހަތަރު އަތޮޅަށް މިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން މިހާރު ވާނީ ގއ. ގައި މީހުން ދިރިނޫޅޭ ރަށެއް ވެމްކޯއާ ހަވާލުކޮށްފަ. އެތަނުގައި ދާއިމީ ވޭސްޓު މެނޭޖްމަންޓު މަރުކަޒެއް ހަދަން. ލެގަސީ ވޭސްޓު ގެންގޮސް މެނޭޖްކުރުމަށްޓަައި. އެ މަރުކަޒު ނިމުމުން ދެކުނުގެ ހުރިހާ ރަށެއްގައި ފުނިޖެހިފައިވާ ކުންޏާއި ވެލިފުނިތައް އެތަނަށް ގެންގޮސް މެނޭޖްކުރެވިގެންދާނެ،” ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މިއަހަރާއި މިއަންނަ އަހަރަކީ ސަރުކާރުގެ ވައުދުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ދެއަހަރު ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި، މިއަހަރު ނުފެށި ހުރިހާ މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ހިމަނާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ފުވައްމުލަކު ސިޓީގައި މިއަދު އަމަލީ މަސައްކަތް ފެށިގެންދިޔަ މަޝްރޫއުތަކާއި ސޮއިކުރި މަޝްރޫއުތަކުގެ ތަފްސީލްތައް ރައީސް ވަނީ ދެއްވައިފައެވެ. އެގޮތުން އެމްއެންޔޫގެ ދަނާލު މަސައްކަތް ހަލުވިކަމާއެކު ކުރިޔަށްދާ ކަމަށާއި ޓިވެޓް އިމާރާތް އެޅުމަށްޓަކައި ޓެންޑަރިން މަރުހަލާ ނިމެމުންދާ ކަމުގެ މައުލޫމާތުވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ

