ތުއްތު ކުދިންނަށް ބަނޑުހަރުވުމަކީ ވަރަށް އާންމުކަމެކެވެ. ބޮޑެތި މީހުންނެކޭ އެއްގޮތަށް ކޮންމެ ދުވަހަކު ބޮޑުކަމު ނުދިއުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، ކުއްޖާއަށް އުނދަގޫވެ، ބަނޑުގައި ރިއްސައި، ބޮޑުކަމުދާން އުނދަގޫވާނަމަ އެއީ ފަރުވާ ބޭނުންވާ ކަމެކެވެ. ޚާއްޞަކޮށް ދުވަސް ނުފުރާ އުފަންވާ ކުދިންނަށް، ހަޖަމުކުރާ ނިޒާމްގެ މަސައްކަތް ރަނގަޅަށް ފެށިފައި ނުވާތީ މިކަން ކުރިމަތިވުން ގިނައެވެ. ގިނަ ފަހަރު ތުއްތު ކުދިންގެ ބަނޑުހަރުވުން ގޭގައި ކުރެވޭ ފަރުވާތަކުން ލުއިކޮށްލެވޭނެއެވެ.
ބަނޑުހަރުވުމުން ލުއިކޮށްދިނުމަށް އެންމެ ފުރަތަމަވެސް ކުރަންވީ ކަމަކީ ދިޔާ އެއްޗެހި ދިނުން ގިނަކުރުމެވެ. ގާތުންދޭ ކުދިންނަށް ގާތުން ދިނުން ގިނަކޮށްލުމަކީ މުހިންމު ކަމެކެވެ. ފޯމިއުލާ ދޭ ކުދިންނަށް، ޑޮކްޓަރުގެ ލަފާގެ މަތިން ފެންފޮދެއް ދެވިދާނެއެވެ.
ގާތުން ކިރު އެކަނިދޭ ކުއްޖެއްނަމަ އެކަމަށް ފަރުވާ ލިބޭނީ މަންމައަށް ފަރުވާ ދީގެންނެވެ. ގިނަފަހަރު ގާތުންކިރު ނޫން އެއްޗެއް ނުދޭ ކުދިންނަށް މިމައްސަލަ ދިމާވުމަކީ ވާކަމެއް ނޫނެވެ،އެހެންނަމަވެސް އެފަދައިން ބަނޑަށް އުނދަގޫވާ ކަމެއް ވެއްޖެނަމަވެސް އެކަން ހައްލުކުރުމަށް ފަރުވާ ކުރަން ޖެހޭނީ މަންމައަށެވެ. އެހެނީ ދަރިފުޅަށް ލިބޭ ކާނާ ދެނީ މަންމަގެ ފަރާތުން ކަމަށްވާތީއެވެ. އެހެންކަމުން ގާތުންދޭ މައިން، ފައިބަރ ގިނަ ކާނާ (މިސާލަކަށް ފަޅޯ) ކެއުމަކީވެސް ކުއްޖާއަށް އެހީތެރިވެދޭނެ ކަމެކެވެ.
6 މަސް ފުރި، ހަރު ކާނާ ދޭން ފަށާފައިވާ ކުދިންނަށް، ޕްރޫންސް، އަދި އެޕްރިކޮޓްސް ފަދަ ފައިބަރ ގިނަ މޭވާގެ ޕިއުރީ ދިނުމަކީ ބަނޑުހަރުވުން ލުއިކޮށްދިނުމަށް ވަރަށް އެހީތެރިވާ ކަމެކެވެ. ނަމަވެސް، 6 މަސް ނުވާ ކުދިންނަށް ފެން ނުވަތަ އެހެން އެއްޗެއް ދޭންވާނީ ހަމައެކަނި ޑޮކްޓަރެއްގެ ލަފާގެ ދަށުންކަން ހަނދާންކުރަން ޖެހެއެވެ.
މަސާޖާއި ކަސްރަތުގެ އެހީ
ކުއްޖާގެ ހަށިގަނޑު ހަރަކާތްތެރިކުރުވުމާއި މަސާޖު ކުރުމަކީވެސް ބަނޑުހަރުވުމުން ލުއިކޮށްދިނުމަށް ކުރެވިދާނެ އަސަރުގަދަ ފަރުވާތަކެކެވެ. ކުއްޖާ ބާއްވާފައި، ފައިން ސައިކަލެއް ދުއްވާގޮތަށް މަޑުމަޑުން ހަރަކާތް ކުރުވުމަކީ ބޮޑުކަމުދާ ނިޒާމަށް ހަރަކާތް ގެނެސްދޭ ކަމެކެވެ. އަދި އަތުގެ އިނގިލިތަކުން ކުއްޖާގެ ބަނޑުގައި ގަޑީގެ ކަށިގަނޑު އެނބުރޭ މިސްރާބަށް (clockwise) މަޑުމަޑުން މަސާޖު ކުރުމަކީ ބަނޑުގައި ޖަމާވެފައިވާ ވައި ބަނޑުންނެރެ، ހަޖަމުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކުއްޖާގެ ބަނޑު މަތީ ފޮތިގަނޑެއް އަޅައި، މާހޫނު ނުވާނެހެން ބަލައިގެން، ހޫނު ފެންހަމަކުން ބޮނޑިތާން ކުރާގޮތަށް ބަނޑަށް ހޫނު ކުރުމަކީވެސް ބަނޑަށް ފަސޭހަވެ ބޮޑުކަމުދިއުމަށް އެހީވާ ކަމެކެވެ.
1 އަހަރުން މަތީގެ ކުދިންނަށް
އެއް އަހަރުން މަތީގެ ކުދިންނަށް ބަނޑުހަރުވުން ކުރިމަތިވެއްޖެނަމަ، ފެން ގިނައިން ދިނުމުގެ އިތުރުން، ހޯލް ގްރެއިންސް އަދި ތަރުކާރީ ގިނައިން ދިނުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ޗީޒް، ހުދު ބަތް، އަދި ދޮންކެޔޮ ފަދަ ބަނޑުހަރުކުރާ ކާނާ މަދުކުރަންވާނެއެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ކަނޑައެޅިފައިވާ ވަގުތެއްގައި (ޚާއްޞަކޮށް ކެއުމަށްފަހު) ފާޚާނާ ކުރަން އާދަކުރުމަށް ހިތްވަރު ދިނުމަކީ ރަނގަޅު އާދައެއް އަށަގަންނުވުމަށް އެހީތެރިވާނެ ކަމެކެވެ. ތުއްތު ކުދިންގެ ބަނޑުހަރުވުމަކީ ގޭގައި ކުރެވޭ ފަރުވާތަކުން ލުއިކޮށްލެވޭ ކަމެއް ނަމަވެސް، މައްސަލަ ދިގުލާނަމަ ނުވަތަ ކުއްޖާ ވަރަށް ބޮޑަށް އުނދަގޫވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

