ފަތް ޖެހުނު ގޯޅި – 2 / ކުރީ ދުވަހުގެ ބަޔާ ގުޅޭ
(ސަދުމާގެ ދިރިއުޅުން)
މަޖާ ދަތުރަކަށް ފަހުގައި ޓެކްސީ މަޑުކޮށްލީ މީހުން އުޅޭ ސަރަހައްދާ ދުރުން، ބޮޑެތި ބިޔަ ގަސްތަކުގެ ސިލްސިލާއެއް އޮތް ހިތްގައިމު ހިސާބުގަނޑަކަށެވެ. ފެންނަން ހުރީ ހަނޑޫ ދަނޑުތަކާއި މާދަނޑުތަކުގެ ހިތްގައިމު ހިތްފަސޭހަ ކަމެވެ. ސާދާ ގޮތަކަށް ހުރި ގޭގެ މައި ގޭޓު މާވެޔޮގަނޑުތަކުން ހަދާފައި ހުރިއިރު، ގޯތީގެ މެދެއްހައި ތަނުގައި ހުރި ގެއަށް ވަންނަ ބޮޑު ދޮރާއި ގޭޓާ ދެމެދު އޮތް ތަނުގެ ދެފަރާތުން ހައްދާފައިވާ މާގަސްތައް އޮތީ މަލުން ފުރިބަރާވެފައެވެ. އެހުރިހާ މާތަކެއް، ގަހުގެ އޮފިކޮޅާއެކު ނަށާލަމުން އެމީހުންނަށް މަރުހަބާ ކިޔާކަހަލައެވެ.
ގިނައިރެއް ނުވެ ސަދުމާ ދޮރާށި ހުޅުވާލައި ހިނިތުންވެލަމުން މަރުހަބާ ކިޔެވެ. އޭނާގެ މަންމަ އާބިދާވެސް ހިނިތުންވުމަކާއެކު ސަލާމް ގޮވާލައި ވަރަށް ހެޔޮކޮށް މެހެމާންދާރީ އަދާ ކުރިއެވެ.
މެހެމާނުންނަށްޓަކައި ތައްޔާރުކޮށްފައި ހުރި ސައިމޭޒު ތައްޔާރުކޮށްފައި ހުރީ މިމޫސުމުގެ ނަލަކަމާއި އުފާވެރިކަން ލިބޭނެހެން ގޭގެ ފުރަގަހު ގޯތިތެރޭގައި ހަދާފައިވާ މާމެލާމެލީގެ ބަގީޗާގައެވެ. ސައިމޭޒުމައްޗަށް ގެނެސް އަތުރާލީ ހޫނު ކަވާބާއި ސަމޯސާއެވެ. ލައްޑޫ އާއި ޑޯކްލާއެވެ. އިންޑިޔާގެ އެންމެ ކަމުވޮށިގެންވާ ގޭގޭގެ ސުފުރާމަތިން ފެންނަ ހުރިހާ ބާވަތެއްގެ ފޮނިކަމަކާއި ކުޅިކަމެއް މި ސުފުރާމަތިން ފެނެއެވެ. މިފެންވަރަށް އާބިދާ ސައި ތައްޔާރުކޮށްގެން މިހުރީ މިއީ އޭނާގެ ދަރިފުޅު ފަރާތުން މިގެއަށް ފުރަތަމަ ފަހަރު އަލަށް ރައްޓެހިންތަކެއް އައި ފަހަރުވީމައެވެ.
މާބޮޑު ތަޢުލީމެއް ލިބިފައިނެތް އާބިދާއަށް ކުޑަކޮށް އިނގިރޭސިބަހުން ބަސްބުނެލަން އެނގެއެވެ. ގެއަކީ އެހާ ތަނަވަސް ފުރިހަމަ ގެއަކަށް ނުވިއަސް ސާފުތާހިރުކޮށް ތަރުތީބުކަމާއި ނަލަކޮށްފައި ހުންނަ ގެއެކެވެ. ބޭރުން މެހެމާނަކު މިތަނަށް ފައިއަޅާލިއަސް ލިބޭ ހިތްހަމަ ޖެހުމާއި މިނިވަންކަމާއި އުފަލަކީ މި ގޭގައި ދިރިއުޅޭ ބަޔަކަށް ނުހަނު ބޮޑު އުފަލެއް ލިބިދޭ ކަމެކެވެ.
ލީލާމެން ތިބުމަށް ހަމަޖެހުނު ކޮޓަރި ޖެހިގެން ހުރި ކޮޓަރީގައި އޮންނަނީ ސަދުމާގެ ބަލިބައްޕައެވެ. އެމީހާ އިންނަނީ ފޮރޮޅުލީ ގޮނޑިއެއްގައި ނޭފަތަށް ހޮޅިގުޅާފައެވެ. ވާހަކަ ދެއްކެނީ މަދު ފަހަރަކުއެވެ. މި ބަލިމީހާ ދައްކާ ވާހަކަ އޮޅުން ފިލާގޮތް ނުވިއަސް އެމީހާ އަތުގެ ހަރަކާތާއި އިޝާރާތް ކުރާގޮތުން ކަންކުރަންވީ ގޮތް ސަދުމާމެނަށް އެނގެއެވެ. އޭނާއަކީ ސިކުނޑީގައި އުނިކަމެއް ހުރި ބަލިމީހެއްކަމުން އޭނާގާތުގައި އެހީތެރިވާން ޒުވާނަކު އަބަދުވެސް ހުރެއެވެ.
ސަދުމާ ކިޔައިދިނެވެ. މީގެ ދެއަހަރު ކުރީގައި ބައްޕަ އަދްނާނަށް ސްޓްރޯކެއް ޖެހުނުގޮތަށް ބަލިވެ އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. މަންމަ އަބަދުވެސް ބުނަނީ ބައްޕައަކީ ހަނދާން ނެތޭ ބައްޔެއް ތަޙައްމަލު ކުރާ މީހެއްކަމަށެވެ. ލީލާ އިނީ މި ވާހަކަތައް އަޑު އަހާށެވެ. އޭނާ ހިތަށް އެކި ކަހަލަ އެއްޗެހި އަރާ ފައބަމުން ދިޔައެވެ. އެކި މީހުންނަށް ދުނިޔޭގައި މި ދިމާވަނީ އެކި ކަހަލަ ތަކުލީފާއި ކަންތައްތަކެވެ. ދުނިޔޭގައި ހަމަ އެކަކުވެސް މައްސަލައެއް ނެތި ހަމަޖެހުމުގައި ނޫޅެއެވެ. އެންމެންގެވެސް މައްސަލަތައް ގިނަވެފައި އެމީހެއްގެ މިންވަރުން ބޮޑެވެ.
އާބިދާ ބުނިގޮތުގައި އޭނާއަށް ސަދުމާ ބައްޕައާއި ދިމާވީ މީގެ އަހަރުތަކެއް ކުރިން ހަނޑޫދަނޑެއްގެ ތެރެއިންނެވެ. އާބިދާއަށް އަދުނާނު ފެނުނީ ހަބަރު ހުސްވެގެން ވެއްޓިފައި އޮއްވައެވެ. ސަދުމާގެ ކާފަ ކަރީމް އެމީހާ ނަގައިގެން އެއީ ކާކުތޯ އޮޅުންފިލުވަން މަސައްކަތް ކުރިނަމަވެސް އޭނާއަކަށް ޚުދް އޭނާގެ އަމިއްލަ ނަންވެސް ބުނެދޭކަށް ނުއެނގުނެވެ. އިނގިރޭސި ބަހުން ބަސްބުނެ ހެދިޔަސް އޭނާއަށް ގިނަކަންތައް އޮޅުން ފިލާގޮތް ނުވިއަސް އެމީހަކީ ނުރައްކާތެރި މީހެއްކަމަކަށް ނުބެލެވޭތީ އެމީހުން އެ ފެނުނު ގޮތްނޭނގޭ މީހާގެ ވާހަކަ ސިފައިންނަށް ނާންގައެވެ. އެއްވެސް ދިމާއެއްގައި ނުވަތަ ޚަބަރެއްގައި އެމީހާ ހޯދާ ނުފެނިގެން އުޅޭ ކަމެއްވެސް އެނގިފައެއް ނެތެވެ. ދުވަސްތަކެއް ފާއިތުވަމުން ދިޔައީ އެމީހާގެ ބަލިހާލަތު ރަނގަޅުވަމުންނެވެ. ކަރީމާއެކުގައި ހަނޑޫދަނޑުގައި އަވަދިނެތި ބުރަކޮށް މަސައްކަތް ކުރަން އަދްނާން އުޅުނެވެ. ރެއާދުވާލު ހަނޑޫ ކަނޑައި ބަސްތާތަކަށް އަޅައި އެތަކެތި ބޮޑެތި ލޮރީތަކުގައި އެކި ސަރަހައްދުތަކަށް ގެންގޮސް ވިއްކުމުގެ ވިޔަފާރިތަކުގައެވެ. އަހަރުތައް ފާއިތުވަމުން ކަރީމް މަރުވުމުން އަދްނާން އޭނާގެ އަންހެން ދަރިފުޅު އާބިދާއާއި ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެން ފެށިއެވެ. އެ ދެމަފިރިންގެ ހަމަ އެކަނި ހުރި އަންހެން ދަރިފުޅު ސަދުމާ ލިބުނު ފަހުން އިތުރު އެހެން ކުއްޖަކު ނުލިބެއެވެ.
ދުނިޔެއަށް އައި ބަދަލުތަކާއި އެކުގައި ގަދަ ޠުލްފާން ވިއްސާރައެއްގައި އެމީހުން މަސައްކަތް ކުރަން އުޅުނު ހަނޑޫދަނޑުތަކުގެ ބިންގަނޑު ކަނޑައިގެން ހަލާކުވެ ކޯރުތައް ބަންޑުންވި ފަހުން ދިރިއުޅުމަށް ދަތި އުނދަގޫ މަރުހަލާ ތަކެއްވިމެއެވެ. އެހެނަސް އެކިހަކަލަ މަސައްކަތް ކުރަމުން އެމީހުން ބެލީ ސަދުމާ މީހަކާ ކައިވެނި ކުރެވެން ވާއިރަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭން ކިޔަވާދެވެން އޮތް އެންމެ މޮޅަކަށް ތަޢުލީމު އުނގަނައިދޭށެވެ. ކޮންމެ ދުވަހެއްގެ ދިގު ދަތުރުތަކަށް ފަހު ކިޔަވާ އާދައިގެ ސްކޫލުން މަތީ ފަންތީގެ ކޮލެޖަށް ސަދުމާއަށް ކިޔަވަން ފުރުސަތު ލިބުމުން މިއީ އޭނާއަށް ލިބުނު ރަނުގެ ފުރުސަތަކަށްވިއެވެ. އެހެން ނަމަވެސް ބައްޕައަށް ސްރޯކެއް ޖެހުނުފަހުން އަނެއްކާވެސް ސަދުމާމެންގެ ދިރިއުޅުން ކުރިއަށް ވުރެ ނިކަމެތިވިއެވެ. އާބިދާއަށް މަޖްބޫރުވީ ގޭގައި ނީނދެ މަސައްކަތް ކުރަން ނިކުންނާށެވެ. އޭނާ ކުކުޅު ގެންގުޅޭ ފެކްޓްރީއެއްގައި މަސައްކަތްކުރަންފެށީ ކައިގެން ބޮއެގެން އުޅެވޭނެ އެހެން އިތުރުގޮތެއް ނެތުމުންނެވެ. ކޮންމެ ދުވަހަކު ކުކުޅު ބިސްތައް ނަގައި ވަށިގަނޑުތަކަށް އަޅައި އެކި ފިހާރަތަކާއި މަގުމަތީ އެއްކޮޅުން އަނެއްކޮޅަށް ތޮށްޖެހިފައި ބަރިއަށް އަތުރާލާފައި ހުންނަ ވިޔަފާރި ގާޑިޔާތަކަށް ބިސް ވިއްކައި އަވަދިނެތި އުޅެމުން ލިބޭ މަޑު ފައިސާކޮޅު ރައްކާކޮށްގެން ބޭނުންވީ ސަދުމާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭށެވެ. އޭނާ ކިޔަވާ ކޮލެޖުން އެންމެ މޮޅު ދަރިވަރުންތެރޭގައި ހިމެނިގެން ސްވިޒެލޭންޑަށް ކިޔަވަން ދާން ފުރުސަތު ލިބުންވީ އޭނާ ފަދަ ނިކަމެތި އަންހެން ކުއްޖަކަށް ނުހަނު ބޮޑު ނަސީބަކަށެވެ. ލީލާ މިވާހަކަތައް އަޑު އަހާފައި އާބިދާ ގާތުގައި އެއްވެސް ކަމަކަށް ކަންބޮޑުނުވުމަށް ބުނީ އޭނާއަށް ވީ އެންމެބޮޑަކަށް ސަދުމާއަށް ކިޔެވުމުގެ ރޮގުން އެހީތެރިވާނެ ކަމަށް ބުނަމުންނެވެ.
ސައިބޮއެ ނިމުމުން ސިރާޖުއާއި ރިޝްވާން ގެއިން ނިކުމެލީ ދުރަށް ފެންނަން ހުރި ހަނޑޫދަނޑުތަކާއި ފެހިކަން ގަދަ ގަސްތަކުގެ ފިނީގައި ހިނގާލަން ގޮސް ފޮޓޯ ނަގާހަދާށެވެ. ސަދުމާ އޭނާގެ ބައްޕަ ފޮރޮޅުލީ ގޮނޑިއަށް ލައިގެން ކޮޓަރިން ބޭރަށް ނިކުތީ އޭގެ އިރުކޮޅެއް ފަހުންނެވެ. އެވަގުތު އެމަންޒަރު ފެނުނީ ތަންކޮޅެއް ދުރުގައި އިން ލީލާއަށެވެ. ގޮނޑީގައި އިން އެމީހާ ފެނިފައި ލީލާ ގަބު އެރިކަހަލައެވެ. ދެން ކުއްލިއަކަށް ދެލޯބޮޑުވެއްޖެއެވެ. އިޚްތިޔާރަކާނުލައި ކޮށިއަރައި ކެއްސަންފެށިއެވެ. ހީވި އޭނާ ކަރުގައި އެއްޗެއް ތާށިވީހެންނެވެ.
ސަދުމާ އަވަހަށް ފެން ޖަގު ހިފައިގެން އައިސް ދަގަނޑުތަށްޓައް ފެންއަޅައި ލީލާއަށް ފެންތަށި ދިއްކޮށްލިއެވެ. ހިތް ގުޑަމުން ތެޅެމުން ދިޔައީ ބާރަށެވެ. ލީލާއަށް ހީވީ އޭނާގެ މުޅި ހިއްސުގަނޑުވި ހެނެވެ.
އެހެންވާނެ ނޫން ހެއްޔެވެ. ދިމާ ކުރިމަތިން ލީލާއަށް އެހެރަ ފެނުނީ ދެވަނަ އެހެންމީހެއްނޫނެވެ. އެއީ ހަމަ އެމޫނެވެ. އެ ދެލޮލާއި އެ ނޭފަތެވެ. ގޮނޑީގައި އެއިން އަދްނާނަކީ އޭނާގެ ކުރީގެ ފިރިމީހާ ނޫން ދެވަނަ އިންސާނެއް ނޫނެވެ.
މާތްކަލާކޯއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ މާޒީގެ ސޮފްހާތަކުގެ ތެރޭ ފޮރުވާފައިވާ ކެހިވެރި އަނިޔާތަކާއި ބޭވަފާތެރިކަން އޭނާއަށް ދީފައި ފިލައިގެން ދިޔަ އަލަތު ފިރިމީހާ ޒަޔާން މިއިނީ ކިހިނެއް ވެފައިހެއްޔެވެ؟ ބަޔަކަށް މިއީ ކާކުކަން ނޭނގުނަސް ލީލާ މުޅި އުމުރުގައި އެމީހައްޓަކައި ޖާނާއި މާލު ޤުރުބާން ކޮށްގެން އެތައް އަހުދުތަކާއި ވަޢުދުތައް ވީ ހަމަ އެކަނި އިންސާނާ އޭނާއަށް އޮޅޭނީ ކިހިނެއް؟ ލީލާއަށް ހަމަ ނޭވާއެއް ލާން އުނދަގުވިއެވެ. އޭނާ ވަޅުލާފައިވާ މާޒީގެ ހުރިހާ ހަނދާންތަކެއް ފުރޮޅެމުން އައިސް ސިކުނޑީގެ ސްކްރީނަށް ސިފަކޮށްދޭން ފެށިއެވެ.
(ލީލާގެ ހަނދާންތައް އައުވާން ފެށިއެވެ.)
މީގެ ފަންސަވީސް އަހަރުކުރީގައި އޭނާ ދިރިއުޅުނީ ރާއްޖޭގައި ހިތްހަމަ ޖެހިގެން ވިއަސް އޭނާގެ އަލަތު ފިރިމީހާއާއި އެކުގައި އިންޑިއާއަށް އެ ކުރި ދަތުރު ވެގެންދިޔައީ އޭނާގެ ދިރިއުޅުން ބިކަވެ އަމިއްލަ ނަފްސު އެކަހެރިކޮށްލި ފުރަތަމަ މަރުހަލާއަށެވެ. އަދިވެސް އެ ދުވަހު އޭނާ ހޮސްޕިޓަލުގައި އޮވެފައި ކަންތައް ވީގޮތް ހަނދާންވިއަސް ހިތަށް ބޮޑެތި އަސަރުތަކެއް ކުރަނީ އޭނާއަށް އެފަދަ ބޮޑު ބޭވަފާތެރިކަމެއް ދީފައި ޒަޔާން ފިލައިގެން ދިޔައީމައެވެ. ސްކޫލު ދައުރުން ފެށިގެން ލީލާއާއި ޒަޔާންގެ އައު ލޯބީގެ ފޮނި ފެށުމަކީ އެހާމެ ލޯބިން އެތައް ކަމަކަށް ވަޢުދުވެ ދުވަހަކުވެސް މަރުފިޔަވައި ވަކިނުވާނެ ގުޅުމެއްކަމަށް ބުނެ ފެށުނު ވަރުގަދަ ލޯތްބެކެވެ. ދެމީހުން އެކަކު އަނެކަކު މި ފޮނިބަސްތަކުން ވާހަކަތައް ލިޔަމުން ފެށުނުމި ވަރުގަދަ ލޯތްބަކީ ދެ ހިތުން ވަކިނުވާވަރުގެ ގާތް ގުޅުމެކެވެ. މާބަގީޗާތަކުގައިވާ ގުލްދަސްތާތައް ފަރިވެފޮޅިފައިވާ ކޮންމެ ފޮޅެމުން އައި މަލެއްގެ ތާޒާކަމަށްވުރެ އެދެމީހުން ދެމެދުގައިވާ ލޯތްބަކީ އެއަށް ވުރެ ވަރުގަދަ ފުން އަސަރުތަކާއި އުފާވެރިކަން ގެނެސްދޭ އެއްޗެއްކަމަށް ބުނެ މި ގުޅުމެއް ދެމިގެން ދިޔައީ ނުހަނު އުފަލުގައެވެ.
–(ނުނިމޭ)–

