އައްޑޫ ސިޓީގެ ހުޅުދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ފިޓްނަސް ސެންޓަރަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރައްވައިގެން ތަރައްޤީކުރާ މަރުކަޒެކެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމާއި، އައްޑޫ ސިޓީގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުގެ އިތުރުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ހުޅުދޫގައި ގާއިމުކުރާ މި ފިޓްނެސް ސެންޓަރުގައި އިންޑޯ ޖިމާއި، އެރޮބިކްސް ކުރުމަށް ޚާއްސަ ޖާގައާއި، އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މިފަދަ ސެންޓަރުތައް ގާއިމުކުރުމަކީ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ސިއްހީ ދުޅަހެޔޮކަމާއި އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަރުކާރުން އިސްކަންދެއްވާ މަސައްކަތެކެވެ.
މި ސަރުކާރުން ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވެސް އެންމެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް ލަފާކޮށްފައިވާ ކުޅިވަރު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމެވެ. މިއީ ރައްޔިތުންނަށް ކުޅިވަރުގެ މުހިއްމު ވަސީލަތްތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

