ސ. އަތޮޅު މަދަރުސާގެ އައު އިމާރާތުގެ މަސައްކަތްކުރުމަށް، ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިން ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކާއި އައްޑޫ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅުވައިގެންނެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ، ރައީސުލްޖުމްހޫރިއްޔާ އައްޑޫ އަތޮޅުގެ ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަޙުމަދު ސަޢުދީއެވެ. ސ. އަތޮޅު މަދަރުސާގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރުމަކީ އެ ސަރަޙައްދުގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސ. އަތޮޅު މަދަރުސާގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރެވުނު އެމްޓީސީސީއަކީ، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކުންފުންޏެކެވެ. އަދި މިހާރުވެސް އެ ކުންފުނިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ. މި މަޝްރޫޢު ނިމުމުން، މަދަރުސާގެ ދަރިވަރުންނަށް އިތުރު ޖާގައާއި ފަސޭހަތައް ލިބިގެންދާނެއެވެ.

