ތިނަދޫ ސިޓީގައި ހުންނަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އައު އިމާރާތެއް ހުޅުވައި، ހިދުމަތް ދޭން ފަށައިފިއެވެ. މީގެ ކުރިން މި ބްރާންޗުން ހިދުމަތް ދެމުން ދިޔައީ ކުއްޔަށް ހިފާފައިވާ ތަނެއްގައި، މާސްމާރުކޭޓާ ކައިރީގައެވެ.
އެމްއައިބީގެ މި އައު އިމާރާތް ހުންނަނީ ތިނަދޫގެ ރަންނަބަނޑޭރި މަގުގައި، ގދ އަތޮޅު ތަޢުލީމީ މަރުކަޒު ކައިރީގައެވެ. މި އައު އިމާރާތަކީ ބޭންކުގެ ޚިދުމަތްތައް ފުޅާކޮށް، މުވައްޒަފުންނާއި ކަސްޓަމަރުންނަށް ވެސް ފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި ޚާއްސަކޮށް ތަރައްޤީކޮށްފައިވާ ތަނެކެވެ. މިތަން އިމާރާތްކޮށްފައި ވަނީ ވަރަށްވެސް ފުރިހަމަކޮށް ފަސޭހަކަމާއެކު ހިދުމަތް ދެވޭނެފަދަ ގޮތަކަށެވެ،
އެމްއައިބީން ގދ. ތިނަދޫގައި ބްރާންޗެއް ރަސްމީކޮށް ހުޅުވާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ބޭންކިންގެ ޚިދުމަތަށް އޮތް ބޮޑު “ޑިމާންޑަށް” އިޖާބަދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ. ތިނަދޫ އިޚްތިޔާރު ކުރީ މާލެ ފިޔަވައި ދެވަނަ ބްރާންޗު ހުޅުވުމަށް އެންމެ އެކަށީގެންވާ ތަނެއްގެ ގޮތުގައި ތިނަދޫ ފާހަގަ ކުރެވޭތީއެވެ. ސަބަބަކީ ގއ. އަތޮޅާއި އައްޑޫ ސިޓީއާ ދެމެދު މުހިންމު ދޮރޯށްޓެއްގެ ގޮތުގައި ތިނަދޫ އޮތުމާއި، އެރަށުގެ އިޤްތިޞާދީ ގޮތުން ކުރިއެރުމުގެ ރަނގަޅު ފުރުޞަތުތަކެއް ހުރުމެވެ.
މި ބްރާންޗުން ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. އެގޮތުން ޑިޕޮސިޓް އަދި އިންވެސްޓްމަންޓް އެކައުންޓްތަކާއި، ވިޔަފާރިއަށް ފައިނޭންސް ކުރުމުގެ ޚިދުމަތްތަކާއި، ކޮންސިއުމަރ ފައިނޭންސިންގ، ޓްރޭޑް ފައިނޭންސް، ރެމިޓަންސް އަދި އެހެނިހެން އެހީތެރި ޚިދުމަތްތައް ވެސް ލިބެން ހުރެއެވެ. ބްރާންޗުގެ މަސައްކަތްތައް ހިންގުމަށް ތަޖުރިބާ ކާރު މުވައްޒަފުންގެ ޓީމެއް މަސައްކަތް ކުރެއެވެ.
އައު އިމާރާތަށް ބަދަލުވުމުގެ ކުރިން ވެސް، އެމްއައިބީން ވަނީ ތިނަދޫގައި އިތުރު ޚިދުމަތްތައް ދޭން ފަށާފައެވެ. އެގޮތުން، 2022 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު އެމްއައިބީން ވަނީ ފައިސާ ޖަމާކުރުމާއި ޗެކް ޑިޕޮސިޓްކުރުމުގެ ޚިދުމަތް ލިބޭ އޭޓީއެމް ބޭސްޑް ސެލްފް-ސަރވިސް ބޭންކިންގ ސެންޓަރެއް ވެސް ގާއިމު ކޮށްފައެވެ.

