ރާއްޖޭގެ ރަށްރަށާއި ސިޓީތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް މިއަދު ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ ފޭދޫއަށް ވަޑައިގެންނެވުމާއެކު އެ ރަށުގެ ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. ފޭދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އެކި ޢުމުރުފުރާތަކުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ދިގު ކިއޫއެއް ހަދާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަމުގެ އަޑު އައްސަވައި، އެ ރަށްރަށަށް ކުރައްވާ ތަރައްޤީގެ ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ ޙިއްސާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
ފޭދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، ފޭދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައި ދެއްވުމަށާއި، ފޭދޫގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފޭދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާއި، ފޭދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގެ ތެރެއިން މަރަދޫފޭދޫ އާއި ހިތަދޫގައިވެސް ބައެއް މަޝްރޫޢުތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

