ދިވެހިރާއްޖޭގެ އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރެވޭނީ ވަރުގަދަ އަސްކަރިއްޔާއެއް ބިނާކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމްއެންޑީއެފްގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙުކުރުމަށް މިއަދު އައްޑޫ ސިޓީ ގަމުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަލަށް ޤާއިމުކުރެވުނު މި ވައިގެ މަރުކަޒާއެކު ރާއްޖޭގެ ކަނޑާއި ވައިގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ސިފައިންނަށް އިތުރު ބާރެއް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ޤައުމީ ދިފާޢީ ބާރުގެ ވައިގެ ބާރު އުފެއްދުމަށްފަހު، އެބާރު އިތުރަށް ތަރައްޤީކޮށް، އެދާއިރާއަށް ވަޞީލަތްތައް ހޯދައި، މީހުން ތަމްރީންކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ވައިގެ ދެވަނަ މަރުކަޒު ށ. ފުނަދޫގައި ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ޤައުމުގެ އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުމަށް ވަރުގަދަ އަސްކަރިއްޔާއެއް ބިނާކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ބަޔާންކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން ލިބޭނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނަމަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަސްކަރީ ޤާބިލުކަން ޤާއިމުކުރެވޭ މިންވަރަކުން އިޤުތިޞާދުވެސް ކުރިއަރަމުންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ސިފައިންގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، “ކޯސްޓްގާޑް ފްލީޓް ދެގުނަކުރުމާއި މެރިން ކޯއަށް ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. ސިފައިންގެ އިންސާނީ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރާނަން.”
ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ، ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމުގައި ވަރުގަދަ އަސްކަރިއްޔާއެއް ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އަންނަ އަހަރަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ކުރެވޭ އަހަރަށްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ވައިގެ ބާރު ވަރުގަދަކުރުމުގެ ގޮތުން އަސްކަރީ މަތިންދާ ބޯޓު ހޯދުމާއި، ސައިބަރ އެޓޭކުތަކުން ދިފާޢުވުމަށް ސައިބަރ ވާފެއަރއެއް ޤާއިމުކުރުމުގެ އިތުރުން، ވަށައިޖެހޭ ދިފާޢީ ނިޒާމެއް ޤައުމީ ދިފާޢީ ބާރުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު ހުރިހާ ދާއިރާއަކުންވެސް ކުރިއަރާފައިވާ ވަށައިޖެހޭ ތަރައްޤީ ގެނެވިފައިވާ ބާރަކަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.

