ނިލަންދޫ ކައުންސިލް ރާވެރިޔާ ވޮލީ މުބާރާތް 2025 ގެ އަންހެން ޑިވިޝަންގައި ވިލިގިނލީ ޔުނައިޓެޑް ކުލަބު ބަލިކޮށް ބޮންބޮން ސްޕޯޓްސް ކުލަބުން ހަމަޖެހިލައިފިއެވެ.
ނިލަންދޫ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށަ މި މެޗު އެޓީމުން ކާމިޔާބު ކުރީ ފަސޭހަ ކަމާއިއެކު 3-0 ސެޓުންނެވެ.
މެޗުގެ ތިން ސެޓުގައިވެސް ބޮންބޮން ކުޅެމުންދިޔައީ އެއްވެސް ޕްރެޝަރެއްނެތިއެވެ. މިއާއިއެކު މެޗުގެ ފުރަތަމަ ސެޓު 09-25 އަދި ދެވަނަ ސެޓު 11-25 އިން ކާމިޔާބުކުރިއެވެ. 3 ވަނަ ސެޓުގައި ވިލިނގިލީ ޔުނައިޓެޑް ކުލަބުން ކުޅުން ރަނގަޅު ކުރިނަމަވެސް ސެޓު ނެގޭ ގޮތެއް ނުވެއެވެ. މި ސެޓު 20-25 ކާމިޔާބުކޮށް ބޮންބޮން އިން ވަނީ ހަމަޖެހިލާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބޮންބޮންގެ ޖާޒީ ނަންބަރު 10 މާޖިދާއެވެ.
މުބާރާތުގެ ފިރިހެން 6 ޓީމް ބަހާލައިފައި ވަނީ 2 ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮންބޮން ސްޕޯޓްސް ކްލަބް ލެޖެންޑްސް، އަދި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ބޮންބޮން ސްޕޯޓްސް ކުލަބު، މަރަޓާ ވޮލީބޯލް ޓީމް، އަދި ދަ ރެޒިޑެންސް މޯލްޑިވްސްއެވެ.
މި މުބާރާތުގައި އަންހެން ޑީވިޝަންގެ 4 ޓީމް ބައިވެރިވެފައި ވުމާއިއެކު މި ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންމެ ފަހުގެ ގެމަނަފުށި ވޮލީބޯލް ކުލަބު، ގއ މާމެންދޫ ވުމެންސް ޓީމް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، އަދި ބޮންބޮން ސްޕޯޓްސް ކުލަބެވެ. . އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިމާލް ( ބުޅިކޭ ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ.
އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ކެޕްޓަން މާޖިދާ، މާޔާ، ހައްވަ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

