ދިވެހިރާއްޖޭގެ ދިފާއީ ބާރު، އެމްއެންޑީއެފްގެ ވައިގެ ހިދުމަތް (އެއާ ކޯ) ގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ސިޓީގެ ގަމުގައި މިއަދު ރަސްމީކޮށް ގާއިމުކޮށް، އެ ތަން އިފްތިތާހުކޮށްފިއެވެ. މި އެއާ ސްޓޭޝަން އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ، ދިވެހި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ގަމުގައި މިކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ރައީސް މުއިއްޒު ވަނީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި މި ލިބިގެންދާނެ ބޮޑު ކުރިއެރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ އަމަން އަމާންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަންގެ އޮޕަރޭޝަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އެންގެވީ މިދިޔަ ހޯމަ ދުވަހުއެވެ.
އެއާ ސްޓޭޝަން ގާއިމުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ނިންމެވީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) އާއި، 115 ވަނަ މާއްދާގެ (ޓ) އާއި ސިފައިންގެ ގާނޫނުގެ ނުވަ މާއްދާއިން އެމަނިކުފާނަށް ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުންނެވެ. މި ފިޔަވަޅާއެކު ދިވެހި އަސްކަރިއްޔާގެ ތަރައްގީއާއި ކުރިއެރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން އިފްތިތާހު ކުރެވިގެންދިޔުމާއެކު ދިވެހި ސިފައިންގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުވާނެއެވެ.
ރައީސް ޑރ. މުއިއްޒު ގައުމާ ހަވާލުވެ ވަޑައިގަތީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލާއި މިނިވަންކަން ދިވެހިން އަމިއްލައަށް ބެލެހެއްޓޭނެ ފަދަ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުންވެސް އެމަނިކުފާނު ވަނީ މިފަދަ ސްޓޭޝަންތައް އެޅޭނެ ކަމުގެ ވާހަކަ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ރާއްޖެއަކީ “ކުޑަ ގައުމެއް” ނޫން ކަމަށް ވިދާޅުވެފައެވެ.
ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ އުތުރާއި ދެކުނުގައި މިފަދަ ސްޓޭޝަންތައް ގާއިމުކުރާނެ ކަމަށެވެ. އެގޮތުން އުތުރުގައި މިފަދަ ސްޓޭޝަނެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ ށ. ފުނަދޫގައެވެ.
މި ގަރާރުން ދިވެހި ސިފައިންގެ މައްޗަށް އަމުރުކޮށްފައިވަނީ ދިވެހީންގެ ދީނާއި މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް) ބެލެހެއްޓުމަށާއި، ރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު 24 ގަޑިއިރު ހުއްޓުމެއްނެތި ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި، އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، އެ އެއާ ސްޓޭޝަނުގެ ހިދުމަތް ފެށުމަށެވެ.
އެމްއެންޑީއެފްގެ އެއާ ކޯ އުފެއްދީ މިދިޔަ އަހަރުގެ މާރިޗު 15 ގައެވެ.

