އައްޑޫ ސިޓީ ފޭދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ. މި މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެށުނު ދެ މަޝްރޫއެވެ.
ފޭދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބުއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމްއެވެ. މި ރަސްމިއްޔާތުގައި މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. ސަރުކާރުން ފާހަގަކުރާ ގޮތުގައި ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުން ފޭދޫގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ގިނަ ގުނަ ފައިދާތަކެއް ކުރާނެއެވެ. އެގޮތުން ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަކަން އިތުރުވެ، ރަށުގެ ވިޔަފާރިތަކަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި އެޅިގެންދާނެ މުހިންމު ފިޔަވަޅަކަށް މި މަޝްރޫއު ވެގެންދާނެއެވެ.

