އައްޑޫ ސިޓީ ފޭދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެންނެވެ. މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމްގެ އިތުރުން އެދާއިރާގެ މަޖްލިސް މެމްބަރާއި ފޭދޫ ކައުންސިލުގެ ރައީސްއެވެ.
މި ފުޓްސަލް ދަނޑު އެޅުމުގެ މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޒެބޮކް ޕްރައިވެޓް ލިމިޓެޑާއެވެ. އެއްބަސްވުމުގައިވާ ގޮތުން، މި މަސައްކަތް ނިންމުމަށް 55 ދުވަސް ދީފައިވާއިރު، މަސައްކަތް ނިމޭއިރު މިތަން ވާނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ދަނޑަކަށެވެ. މި ދަނޑުގައި 20 މީޓަރު 40 މީޓަރުގެ ޕިޗެއް ހިމެނޭނެއެވެ. މި މަޝްރޫޢު އަވަހަށް ނިމިގެން ދިއުމަކީ ފޭދޫގެ ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ގާތްގަނޑަކަށް ހަ ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ފޭދޫއަކީ ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން ކުޅިވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެކެވެ. ވަކިން ޚާއްސަކޮށް ފުޓްސަލްއަކީ މިހާރު ރާއްޖޭގައި އެންމެ ފޯރިއާއެކު ކުޅެވޭ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރެކެވެ.

