މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ދެ މުވައްޒަފުން ނިޔާވި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ހިންގި އެތެރޭގެ ތަހުގީގުގެ އިބްތިދާއީ ހޯދުންތައް އާންމުކޮށްފިއެވެ. އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެކްސްކެވޭޓަރު އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިން ކްރާފްޓް ދުއްވަން ހުރި ކެޕްޓަނަކީ މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައި ނެތް އަދި އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 2 ވަނަ ދުވަހު އެމްޕީއެލްގެ ސަރަހައްދުގެ ބޭރުގައި އޮތް "އެމްވީ ސެލެސްޓިއާ" ބޯޓުން ލޭންޑިން ކްރާފްޓަކަށް ދެ އެކްސްކަވޭޓަރު ބަރުކުރުމުގެ ތެރޭގައެވެ. މި ހިތާމަވެރި ހާދިސާގައި އެމްޕީއެލްގައި މަސައްކަތް ކުރަމުން އައި ދިވެއްސަކާއި ބިދޭސީއެއް ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން ކުންފުނީގެ އުސޫލުތަކާއި އަމަލުތައް ބެލުމަށް އެމްޕީއެލްއިން ވަނީ އެތެރޭގެ ތަހުގީގެއް ފަށައިފައެވެ.
އެމްޕީއެލްއިން ނެރުނު ބަޔާނުގައިވާ ގޮތުން، އިބްތިދާއީ ހޯދުންތަކުން ހާދިސާ ހިނގި ގޮތާއި، ފާހަގަކުރެވުނު މައްސަލަތަކުގެ އިތުރުން، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ފާހަގަކުރެވިފައެވެ.
އެގޮތުން، އެ އޮޕަރޭޝަންގައި ބައިވެރިވި ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ ގާބިލުކަން ތަހުގީގުން ސުވާލު އުފެއްދިއެވެ. އެމްޕީއެލްއިން ވިދާޅުވީ، ކެޕްޓަނަކީ އެފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަމަށް އެނގިފައިވާ ކަމަށެވެ.
އަދި ހަމައެހެންމެ، އެ ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އަތުގައި އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް ނުވަތަ ނިޔަމިކަމުގެ ސެޓްފިކެޓް ވެސް ނެތްކަން ތަހުގީގަށް ވަނީ ހާމަވެފައެވެ. ނަމަވެސް އެމްޕީއެލްއިން ވިދާޅުވީ، ލޭންޑިން ކްރާފްޓަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެ ކުންފުނިން ފުރިހަމަކޮށް، ނިންމާފައިވަނީ އެފަދަ އޮޕަރޭޝަންސްތަކުގައި އަމަލުކުރަމުންދިޔަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
އެމްޕީއެލްއިން އިތުރަށް ވިދާޅުވީ، އެފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި ކޮންސައިނީ (މުދާ ގެންނަ ފަރާތުން) މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސަންސް ޗެކްކުރުން ފަދަ ކަންތައްތަކަކީ އެ ކުންފުނިން އަމަލުކުރަމުންދިޔަ ގަވާއިދުތަކުގެ ތެރެއިން ބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން މިހާރު ވަނީ އެ އުސޫލު މުރާޖާކޮށް، ބަދަލުކުރެވިފައި ކަމަށް އެމްޕީއެލްއިން ހާމަކުރެއްވިއެވެ.


