ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށާއި، އަދި މިހަމަޖެހުން ދެއްވުމުގެ ބާރު އޮތީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ކަމަށް، މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. ހުތުބާގައި ނަސޭހަތްތެރިވަމުން ބުނީ ﷲ އަށް ކިޔަމަންވެގެން ނޫނީ ނަފުސަށް ހަމަޖެހުމާއި އުފާވެރިކަން ނުލިބޭނެއެވެ.
"ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން" މިމައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ބާއްޖަވެރިކަމަކީ ހުރިހާ އިންސާނުން، އެ ނިޢުމަތެއް ހޯދުމަށް ޓަކައި އެންމެ ބޮޑަށް މަސައްކަތްކުރާ އެއްކަން ކަމަށެވެ. އަދި އުފާވެރިކަން ހޯދުމުގައި މުސްކުޅިއެއް ޒުވާނެއް މުއްސަންޖެއް ފަޤީރެއް މުސްލިމެއް ޣައިރު މުސްލިމެއް، ތަފާތެއް ނެތް ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ.
މިއަދު ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި ޖާހާއި މަންސަބާއި މަޝްހޫރުކަމުގައެވެ. ނަމަވެސް ހުތުބާގައި ބުނީ، ކަން އޮތީ އެހެންނަކުންނޫން ކަމަށެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުމެވެ. މި ކަންކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރިވުމުން މެނުވީ މިކަންކަން ނުލިބޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅެއް ހަނދާންކޮށްދެމުން ބުނެފައިވެއެވެ: (آَلَا يَعْلَُ مَنْ خَلَقَ وَُوَاللَّطِيقُ الَْبِرُ) މާނައީ، "ހުރިހައި ތަކެއްޗެއް ހެއްދެވި ރަސްކަލާނގެ އެ ތަކެތި ދެނެވޮޑިގެންނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މުސްލިމުންނަށް ހުތުބާގައި ނަސޭހަތްތެރިވަމުން ބުނީ ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން ކަމަށާއި އެހެނީ، އިސްލާމް ދީނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން، މި ދުނިޔޭގައި ދިރިއުޅުމަށް ޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގު ކަމަށެވެ. އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިޞްލާޙުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމުކަމަށާއި މި ނިޒާމުން ހެޔޮކަމާއި ބަރަކާތުގެ މަގުތައް ހުޅުވޭ ކަމަށް ހުތުބާގައި ވަނީ ކިޔައިދީފައެވެ.
މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ، "މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، ޞާލިޙު ޢަމަލެއްކޮށްފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން އެ މީހަކަށް، ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ." ޞާލިޙު ޢަމަލުކުރާ މުއުމިނުންނަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ދެއްވާނެކަމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެ ވަނީ ވަޢުދުވެވޮޑިގެންފަ އެވެ.
އެހެނެއްކަމަކު އިސްލާމްދީނާ ދުރުވެ މާތް ﷲ ގެ މަގުން އެއްކިބާވާ މީހުންނަށް އޮތީ އޭގެ އިދިކޮޅު ކަމަށްވެސް މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައީ، "އަދި ތިމަންރަސްކަލާނގެ ޤުރުއާނަށް ފުރަގަސްދީފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން އެ މީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެ އެ މީހަކު ކަނު މީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ."
މުސްލިމް އަޚުންނާއި އުޚުތުންނަށް މިއަދުގެ ހުތުބާގައި ހަނދާންކޮށްދީ ބުންޏެވެ. ބާއްޖަވެރިކަމުގެ އެއް ސަބަބަކީ، އިސްލާމީ ޝަރީޢަތަކީ ފުރިހަމަ އަދި ޝާމިލު ޝަރީޢަތެއްކަން އެނގުމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އިސްލާމީ ޝަރީޢަތަކީ ހަމައެކަނި އަޅުކަމާއި، ޙައްދުތައް ޤާއިމުކުރުން ކަމަށެވެ. ނަމަވެސް އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެވެ.
އިސްލާމީ ޝަރީޢަތުގައި ޢަޤީދާއާއި އަޅުކަމާއި އަޚްލާޤާއި ޢާއިލީ ގުޅުންތަކާއި ތަރިކައާއި އިޤްތިޞާދާއި ސިޔާސީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއި ހަމަހަމަކަމާއި ޢަދުލު އިންސާފާއި، މި ފަދަ އެންމެހައި ދާއިރާތަކާއި ކަންކަން ހިމެނޭ ކަމަށް ހުތުބާގައި ބުނެފިއެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައީ، "މިއަދު، ތިޔަބައިމީހުންގެ ދީން ތިއަބައިމީހުންނައް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި، އިސްލާމްދީން، ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."
ހުތުބާގައި ސުވާލު އުފައްދާފައިވެއެވެ؛ ﷲ ސުބްޙާނަހޫ ވަތަޢާލާ ފުރިހަމަކުރައްވައިފައިވާ ދީނެއްގައި އުނިކަމެއްވާނެ ކަމަށް ތިބާ ހީކުރަނީ ހެއްޔެވެ؟ ހަމަހިލާ އެހެންނަކުންނުވާނެއެވެ. އެއީ އިންސާނާ ދުނިޔޭގައި ބާއްޖަވެރި ހަޔާތެއް އުޅުމަށް ބޭނުންވާ ހުރިހައި ކަމެއް ފުރިހަމަވެފައިވާ ހަމައެކަނި ދީން ކަމަށް ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ، އިސްލާމީ ޝަރީޢަތުގައި ދުނިޔެވީ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އިންސާނީ ޝަރަފާއި ޢަދުލުވެރިކަމާއި، އިޙްސާންތެރިކަމާއި މިންއަތުންގެ ޙައްޤުތައް އައްޔަންކޮށްދީފައިވާ ކަމަށެވެ. މި ޝަރީޢަތުގައި ފަޤީރުންނާއި ޔަތީމުންނާއި ކުޑަކުދީންނާއި ޣައިރުމުސްލިމުންނަށް ވެސް ދުނިޔޭގެ އެއްވެސް ނިޒާމެއްގައި ނުވެހާ ފުރިހަމައަށް، އެ ޙައްޤުތައް ވަނީ ކަށަވަރުކޮށްދީފައެވެ. ހަމަ އެހެންމެ، އިންސާނީ ނަފްސުގެ ކިބައިގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ރަޙުމަތާއި ޢިއްފަތްތެރިކަމާއި އިޙުސާންތެރިކަން އަށަގެންނެވުމަށް، ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މީގެ އިތުރަށް ވެސް އެތައް ގިނަގުނަ ދާއިރާއަކުން ވަނީ މި ބާއްޖަވެރިކަން ގެނެސްދިނުމަށް ގިނަގުނަ ކަންކަން ޝަރުޢުކުރައްވައިފައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މި ފުރިހަމަ ފަލްސަފާއެއް ނުވަތަ އުޞޫލެއް، އިސްލާމްދީން ފިޔަވައި މި ދުނިޔޭގައި ނުވެއެވެ. މިއީ މުސްލިމުން އާޚިރަތުގެ ކާމިޔާބާއި ބާއްޖަވެރިކަމާއި ނިޢުމަތްތައް އިންސާނާ ގެންދާ މަގު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ހުތުބާވެސް ނިންމާލީ އުއްމަތުގެ ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް އަށް ޞަލަވާތް ކިޔެވުމަށް ވަސިއްޔަތް ކުރުމާއެކު އެކަލޭގެފާނުގެ މައްޗަށް ކިޔެވި ޞަލަވާތުންނެވެ.

