ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ، “ވަރަ” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ. މި އެކްސްޕޯ އަކީ ވަޒީފާގެ ބާޒާރުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށްޓަކައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްފައިވާ މުހިންމު ހަރަކާތެކެވެ.
އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ އެކްސްޕޯގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެކަމަނާގެ މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ. ޚާއްސަކޮށް ދިވެހީންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި، ތަޢުލީމީ ކޯސްތަކުގެ މައުލޫމާތު އެކަމަނާ ވަނީ ސުވާލުކުރައްވައި އޮޅުންފިލުއްވާފަ އެވެ. މިކަމުން ދިވެހި ޒުވާނުންނަށް ހުނަރާއި މަސައްކަތުގެ މާހައުލު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ހާމަވެގެންދެ އެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި އެކްސްޕޯގެ ތެރެއިން 1،000އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ޒުވާނުންނަށް 500އަށް ވުރެ ގިނަ ތަޢުލީމީ ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުސަތު ވެސް މި އެކްސްޕޯގައި އާންމުކޮށް ހުޅުވާލާފައިވެ އެވެ.
“ވަރަ” އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން، މިނިސްޓްރީގެ ކާމިޔާބީތަކާއި އުސްއަލިތައް ހިމެނޭ ޚާއްސަ ފޮތެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ. މި ފޮތް ލޯންޗުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. ވުޒާރާއިން ވަނީ މި އެކްސްޕޯއަށް ވީހާވެސް ގިނަ ބަޔަކު ޒިޔާރަތްކޮށް، ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެދިފަ އެވެ.

