ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ބޯޓެއް، އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ފާހަގަކުރެވި، އެ ބޯޓު އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަލަށް ޤާއިމުކުރެވުނު އެއަރކޯރގެ ޤާބިލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމްއެންޑީއެފްއިން ހާމަކުރެއްވި ގޮތުގައި، އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި މި ބޭރުގެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތެރިވާކަން ފާހަގަކުރެވުނެވެ. މިކަމާ ގުޅިގެން، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން ވަގުތުން ހަރަކާތްތެރިވެ، އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން މިހާތަނަށް ހިއްސާކޮށްފައެއްނުވެއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު (އީ.އީ.ޒެޑް) ގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެއްވެސް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. މި ބޯޓުތައް ހިފެހެއްޓިފައިވަނީ ނޮވެންބަރު 5 ވަނަ ދުވަހުގެ ރޭގަނޑު ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ބޭނުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު ނެރުއްވި ޤަރާރަކުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރކޯރ އުފައްދަވައިފައެވެ. މި ޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމަށްޓަކައި، އެސަރަހައްދު ބެލެހެއްޓުމަށް ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ވަނީ ރަސްމީކޮށް ފަށާފައެވެ.
އެއަރކޯރ އުފެދުމާއެކު ދިފާޢީ ބާރަށް ވަނީ 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ލިބިފައެވެ. ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އާންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރު ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. މީގެ އިތުރުން، ރޭގަނޑު އަނދިރީގައިވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން މި އުޅަނދަށް ލިބިފައިވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ވަރަށް ބޮޑު ސަރަހައްދެއް ސިފައިން ބަލަހައްޓަމުންދިޔައީ ބޮޑެތި ދަތިތަކާއެކު، ހަމައެކަނި ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުތައް ބޭނުންކޮށްގެންނެވެ. ނަމަވެސް އެއަރކޯރ ޤާއިމުވެ، ޑްރޯންތައް ބޭނުންކުރަން ފެށުމުން، މިފަދަ ޤާނޫނާ ޚިލާފު ހަރަކާތްތައް ދެނެގަނެ، އެކަންކަމަށް ފިޔަވަޅު އެޅުމުގެ ޤާބިލުކަން ވަނީ ފުޅާވެފައެވެ.

