ތ. އަތޮޅުގެ ރައްޔިތުންނަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، ތ. އަތޮޅު ގުރައިދޫއާއި ތިމަރަފުށީގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފެށުމާއެކު، ތ. އަތޮޅުގެ ރައްޔިތުންނަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް މާލެއަށް ދަތުރުކުރުމުގެ ބުރަ ކުޑަވެ، ރަށުގައި ތިބެގެން ކާޑު ހެއްދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވީ، މި ޚިދުމަތް ގާއިމުކުރުމަކީ އައިޑީ ކާޑުގެ ޚިދުމަތް އަވަސްކޮށް، ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ކުރިން ތ. އަތޮޅުގެ ވޭމަންޑޫއާއި ވިލުފުށީގައި މި ޚިދުމަތް ވަނީ ގާއިމުކޮށްފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މާލެއިން އެކަނި ލިބޭ އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ވައުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ޤާއިމުކޮށް ނިންމެވީ ހުސްވި ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ނިންމާލެވުނީ ކަނޑައެޅުއްވި މުއްދަތަށްވުރެ 3 މަސް ދުވަސް ކުރިން ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
މި ޚިދުމަތް ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.
ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ، މުހިންމު ސިޔާސަތެކެވެ. ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
މީގެ އިތުރުން ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ. ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.

