ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ވިހައިފިއެވެ.
ވިކީ ކައުޝަލްއާއި ކެޓްރީނާގެ ދެމަފިރިންނަށް ލިބިފައިވަނީ ފިރިހެން ދަރިއެކެވެ. މި އުފާވެރި ޚަބަރު އެ ދެމަފިރިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފަ އެވެ.
ކެޓްރީނާ އާއި ވިކީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާންކޮށް، އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. މި ޚަބަރު އާންމުވުމާއެކު، ބޮލީވުޑްގެ އެތައް ތަރިންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ދެ ތަރިންގެ ފޭނުން އަންނަނީ ވަރަށް ބޮޑަށް މަރުޙަބާ ކިޔައި، ހެޔޮ ދުޢާ ކުރަމުންނެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފައިވަނީ ޑިސެމްބަރު 9، 2021 ގަ އެވެ. އެ ދެމަފިރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ކުރި މި ކައިވެނި ބޮލީވުޑްގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ އެވެ. ކެޓްރީނާ ބަލިވެއިންކަން މީޑިއާއަށް ތިލަވި ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި ނޫނީ އެ ދެމަފިރިން މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ކެޓްރީނާ އަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެކެވެ. ދަރިފުޅު ލިބުމުގެ ކުރިން އޭނާ ވަނީ ޓޫރިޒަމް ޕްރޮމޯޓްކުރުމަށްޓަކައި ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ބުނެފަ އެވެ. މި ދެ ތަރިންނަށް ދަރިފުޅު ލިބުމަކީ ބޮލީވުޑް އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ދެމީހުންގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު އުފަލެކެވެ.

