ބޮލީވުޑްގެ ކުރީގެ ލަވަކިޔުންތެރިޔާ އަދި ބަތަލާ ސުލަކްޝަނާ ޕަންޑިތު އުމުރުން 71 އަހަރުގައި ދުނިޔެ ދޫކޮށްފިއެވެ.
މީޑިއާ ރިޕޯޓުތަކުން ހާމަކުރި ގޮތުގައި، އޭނާ ނިޔާވީ ޖެހުނު ހާޓް އެޓޭކް އަކާއި ގުޅިގެން މުމްބާއީގެ ނާނާވަތީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
ސުލަކްޝަނާއަކީ ހިންދީ ސިނަމާގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. އޭނާ ވަނީ ބޮލީވުޑްގެ ލެޖެންޑަރީ ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު ރަފީ، ކިޝޯރް ކުމާރް އަދި މަހިންދުރަ ކަޕޫރްގެ އިތުރުން، މިހާރުވެސް ހިންދީ ފިލްމުތަކަށް ލަވަކިޔަމުންދާ އުދިތު ނާރާޔަންއާއެކު ގިނަ ލަވަތަކެއް ކިޔާފައެވެ.
ސުލަކްޝަނާގެ ފިލްމޯގްރަފީގައި “އުލްޖަން”، “ސަންކަލްޕް”، “އަޕްނާޕަން”، “ޚާންދާން”، “ވަގުތު ކީ ދީވާރު” އަދި “ޗެހެރޭ ޕޭ ޗެހެރާ” ފަދަ ފާހަގަކޮށްލެވޭ ފިލްމުތައް ހިމެނެއެވެ. އޭނާ އެންމެ ފަހުން ސްކްރީނުގައި ފެނިގެންދިޔައީ 1988 ވަނަ އަހަރުގެ “ދީ ވަގުތު ކީ ރޯޓީ” ފިލްމުގައެވެ.
ސުލަކްޝަނާއަކީ 1980 ގައި މަޝްހޫރުވި “ލަވް ސްޓޯރީ” ފިލްމުގެ ބަތަލާ ވިޖޭތާ ޕަންޑިތުގެ ދައްތައެވެ. އަދި ހިންދީ ސިނަމާގެ އެންމެ ކާމިޔާބު މިއުޒިކް ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ޖަތިން-ލަލިތުގެވެސް ދައްތައެވެ.

