އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން، ގއ. ވިލިނގިލީގައި ވަގުފް އިމާރާތް އަޅަން ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނަސަންދުރާ ގައެވެ.
މި ރަސްމިއްޔާތުގައި މި ތިން ސަރަހައްދުގައިވެސް ވަގުފް އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިގޮތުން، ތިނަދޫ ސިޓީގައި ވަގުފް އިމާރާތެއް ބިނާކުރަން ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއިރު، ކުޅުދުއްފުށި ސިޓީގައި ވަގުފް އިމާރާތެއް ބިނާކުރަން ހަވާލު ކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ. ގއ. ވިލިނގިލީގައި ވަގުފް އިމާރާތެއް ބިނާކުރަން ހަވާލުކޮށްފައިވަނީވެސް ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މި ވަގުފް މަޝްރޫއުތަކަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސްތަކެކެވެ. މި އިމާރާތްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭނެ އިމާރާތްތަކެކެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 10 މިލިޔަން ރުފިޔާއެވެ.
މި މަޝްރޫއު ނިމުމާއެކު ވިލިނގިއްޔާއި އެ އަތޮޅުގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މި މަޝްރޫއުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ.
އަތޮޅުތަކުގައި ޤާއިމް ކުރެވޭ ވަޤުފް ޢިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ. މި އިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަ ޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.

