މަތިވެރިއަށް 600 ކިލޯވޮޓްގެ ޖެނަރޭޓަރެއް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ހާމަކުރެއްވި ގޮތުގައި، އަރިއަތޮޅު އުތުރުބުރީ މަތިވެރީގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފައިވެއެވެ.
ސްޓެލްކޯއިން ބަޔާންކުރެއްވި ގޮތުގައި، މަތިވެރީގައި އުމްރާނީ ގޮތުން އަންނަމުންދާ ކުރިއެރުންތަކާއި ގުޅިގެން ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑަށް ރިޢާޔަތްކޮށް، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މި ޖަނަރޭޓަރު ގެނެސްފައިވަނީއެވެ.
އައު ޖަނަރޭޓަރު އިންސްޓޯލްކޮށް ކޮމިޝަންކުރެވުމާއެކު މަތިވެރީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސްޓެލްކޯއިން ފާހަގަކުރައްވައެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ކަރަންޓުގެ ޚިދުމަތް އިތުރަށް ޔަޤީންކަމާއެކު ލިބި، ރަށުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ޤަބޫލުކުރައްވައެވެ.
މިހާރުގެ ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ރާއްޖޭގެ ގިނަ ރަށްތަކުގައި ހުރި އިންޖީނުގެތައް އަޕްގްރޭޑް ނުކުރެވި ދުވަސްވެފައިވާތީ، ބައެއް ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވެއެވެ. ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާއެއްކަން ކަރަންޓު ފޯރުކޮށްދޭ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

