މާލޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ފަސް މީހުން ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިމިގްރޭޝަން ޓާސްކް ފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯހުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މާލޭގައި ހުންނަ ދެ ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އިމިގްރޭޝަނުން އިތުރަށް ބުނީ، “ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް އިއްޔެ ޓާސްކް ފޯސްއިން ވަނީ މާލޭގައި ހުންނަ ދެ ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ ފަސް ބިދޭސީއަކުވަނީ ބެލުމުގެ ދަށަށް ގެނެސްފައި.”
އިމިގްރޭޝަނުން މި އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑިޕޯޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިގޮތުން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތްތައް ކުރިއަށް އެބަދެއެވެ.
އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މޮނިޓަރުކުރުމަށް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތައް ވަރުގަދަ ކުރުމަށް ވަނީ ނިންމާފައެވެ.

