ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތައް ފެށުމުގެ ގޮތުން ފުރަތަމަ ހަރަކާތަކަށް، ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލް ރަސްމީކޮށް ފަށައިފިއެވެ. މި ފެސްޓިވަލަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚީ މުނާސަބަތެއް ފާހަގަކުރުމަށްޓަކައި، ކުޑަކުދިންގެ ފުޓްބޯޅައަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކުރި ހަރަކާތެކެވެ.
މާލޭގެ މާފަންނު ޓާފްގައި މިހާރު ކުރިޔަށްދާ މި ފެސްޓިވަލުގައި، މާލެ ސަރަހައްދުގެ 18 ފުޓްބޯޅަ އެކަޑަމީއަކުން 1500 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ. ހަރަކާތްތައް ފެށުމުގެ ގޮތުން ފުރަތަމަ ކުރިޔަށް ގެންދިޔައީ 8 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ މެދުގައި ކުޅެވުނު ފުޓްބޯޅަ މެޗުތަކެކެވެ. މާދަމާ، ހޮނިހިރު ދުވަހުވެސް ގިނަ އަދަދެއްގެ ކުދިންނާއި ބެލެނިވެރިންނާއެކު މި ފެސްޓިވަލް ކުރިޔަށް ގެންދާނެއެވެ.
މި ފެސްޓިވަލުން، ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އެކަޑަމީތަކުގެ ކުދިން ވަނީ އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ. މިއީ އެކަޑަމީތަކަށް އަދި މި އުމުރުފުރާގެ ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް، އެމީހުންގެ އާއިލާތަކާއެކު ފުޓްބޯޅައިގެ ތެރެއިން މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބިގެންދާ ފުރުސަތެކެވެ. މި ފަދަ ހަރަކާތްތަކަކީ ކުޑަ ކުދިންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ޝައުޤުވެރިކަން އިތުރުކޮށް، ކުރިމަގުގެ ކުޅުންތެރިން ބިނާކުރުމަށްޓަކައި މުހިންމު ފިޔަވަޅެކެވެ.
އެފްއޭއެމުން ވަނީ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލްތައް ރާއްޖޭގެ އެކި ސަރަހައްދުގައި ބޭއްވުމަށް ނިންމާފައެވެ. އެގޮތުން އަތޮޅުތެރޭގެ އެކަޑަމީތަކަށްވެސް މި ފުރުސަތު ފަހިކޮށްދީގެން، ސުކޫލު ބަންދުތަކާއި ދިމާކޮށް 12 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ މެދުގައި މި ފެސްޓިވަލްތައް އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދާނެ ކަމަށް އެފްއޭއެމުން ބުނެއެވެ.
ދިވެހިރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެން ފެށީ 1950 ވަނަ އަހަރުގައެވެ. މި 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް އެފްއޭއެމުން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. ކޮމިޓީން ވަނީ މުޅި އަހަރުތެރޭ އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ.
ޑައިމަންޑް ޖުބިލީ ހަރަކާތްތައް ކުރިޔަށް ގެންދާނީ 26 ޖުލައި 2025 ން 26 ޖުލައި 2026 އާއި ހަމަށެވެ. މި ހަރަކާތްތަކުގެ މަޤްސަދަކީ ދިވެހި ފުޓްބޯޅައިގެ މުއްސަނދި ތާރީޚަށް އަލިއަޅުވާލައި، ކުރިމަގަށް އުއްމީދުތައް އާކުރުމެވެ.

