ހުޅުމާލޭގައި ފެށި "ވަރަ" އެކްސްޕޯގައި، އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އަށް ސްޓޯލަށް ޒިޔާރަތް ކޮށްގެން އެ ކުންފުނީގައި ހުރި ތަފާތު ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތުތައް ދެނެގަނެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯ އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ. މި އެކްސްޕޯ ކުރިއަށް ދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
އެމްޓީސީސީއިން އެކްސް (ކުރިން ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، އިއްޔެ ފެށި "ވަރަ" އެކްސްޕޯގައި އެ ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ. އަދި އިއްޔެ އެކްސްޕޯ ހުޅުވައިދެއްވުމަށް ފަހު، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވަނީ އެމްޓީސީސީގެ ސްޓޯލަށް ވެސް ޒިޔާރަތްކުރައްވާފައެވެ.
މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި، މި އެކްސްޕޯއިން އެސްޓީއޯ ފަދަ އެހެން ކުންފުނިތަކުގެ އެކި ކަހަލަ ވަޒީފާތަކުގެ މައުލޫމާތުވެސް ލިބިގެން ދާނެއެވެ.


