ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ 1447ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ސޮއިކުރެއްވުމާއި، މައްކާ ރޫޓު އިނީޝިއޭޓިވްއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.
މި ދަތުރުފުޅުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާ އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ސަޢުދީ ސަރުކާރާއި ދެމެދު 1447ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ސޮއިކުރައްވާނެއެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އާއި ބައްދަލުކުރައްވައި، މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 1446ވަނަ އަހަރުން ފެށިގެން ސަޢުދީ ޢަރަބިއްޔާއިން ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވާފައެވެ.
ވަޒީރު ޑރ. ޝަހީމް، ޙައްޖު މިނިސްޓަރުންގެ ކޮންފަރެންސާއި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ބާއްވާ 5 ވަނަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދުވާ ގުޅުން ވަނީ އިތުރަށް ހަރުދަނާވެގެންގޮސްފައެވެ. އެގޮތުން ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން 1446ވަނަ އަހަރުން ފެށިގެން މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން، އެކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެއްވުމަށްފަހުގައެވެ.

