ކެއްކުމަށްފަހު ގޭތެރެއިން ކާއެއްޗެހީގެ ވަސް ގޭތެރޭގައި ހިފާފައި ހުރުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ. ހާއްސަކޮށް މާލޭގެ ޖާގައިގެ ގޮތުން ނުހަނު ތަނަވަސްކަމެއް ނެތް 1 ކޮޓަރީގެ ޖާގައިން ބަދިގޭގެ ޖާގަވެސް ނަގާފައި ހުންނަ ތަންތަނުގައި މިމައްސަލަ ތަފާތެވެ. އިތުރަށް އުނދަގޫވީއެވެ. ސަބަބަކީ އަންނައުނުގައި ވެސް ވަސް ހިފާނެތީއެވެ. ކައްކާ ކާތަކެތީގެ ވަސް ގޭތެރޭގައި ހަރުލައިފިނަމަ، ވަސް ނައްތާލުމަށްޓަކައި ކުރެވިދާނެ ވަރަށް ފަސޭހަ ކަންތައްތަކެއް ހުރެއެވެ.
ވެންޓިލޭޝަން ރަނގަޅުކުރުން
ކެއްކުމުގެ ވަސްގަނޑު ގެއިން ބޭރުކޮށްލުމަށް އެންމެ މުހިއްމު އެއްކަމަކީ ގޭތެރޭގެ ވެންޓިލޭޝަން ރަނގަޅުކުރުމެވެ. ކައްކަން ފެށުމުގެ ކުރިންނާއި ކައްކަމުންދާ ވަގުތު ކުޑަ ދޮރުތަކާއި ދޮރުތައް ހުޅުވާލުމަކީ ވަސްތައް ބޭރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން، ބަދިގޭގައި ހުންނަ އެގްޒޯސްޓް ހޫޑް (Exhaust Hood) ބޭނުންކުރުމަކީ ވަސް ބޭރުކުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ހޫޑް ބޭނުންކުރާނަމަ، އޭގެ ފިލްޓާތައް ގަވާއިދުން ސާފުކުރުމަކީ ވެސް ވަސް ރަނގަޅަށް ބޭރުކޮށްލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ވަސް ނައްތާލާ މާއްދާތައް ބޭނުން ކުރުން
ކެއްކުމުގެ ވަސްތައް ނައްތާލުމަށްޓަކައި ތަފާތު ގުދުރަތީ މާއްދާތައް ބޭނުންކުރެވިދާނެއެވެ. މިގޮތުން އެންމެ އާންމުކޮށް ބޭނުންކުރެވޭ އެއްޗަކީ ހުދު ވިނެގާ، (White Vinegar) އެވެ. ކައްކަމުންދާ ވަގުތު ނުވަތަ ކެއްކުމަށްފަހު ފެން ތެއްޔަކަށް ވިނެގާފޮދެއް އަޅައިގެން މަޑު ގިނީ ކައްކާލުމުން، ވިނެގާގެ އާވީގެ ސަބަބުން ކާއެތީގެ ވަސްތައް ނައްތާލައެވެ. މީގެ އިތުރުން، ބޭކިންގް ސޯޑާ (Baking Soda) ނުވަތަ މުގުރާފައި ހުންނަ ކޮފީ ތަށްޓަކަށް އަޅާލުމަށްފަހު ބަދިގެތެރޭގައި ބެހެއްޓުމަކީ ވެސް ވަސް ދަމައިގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އޮރެންޖު ތޮށި، ލުނބޯ ތޮށި، ފަދަ ތަކެތިންވެސް ވަސް ފިލުވުމަށް އެހީތެރިވެދޭނެ އެވެ.
ވަގުތުން ސާފުކުރުމާއި ބެލެހެއްޓުން
ވަސް ގޭތެރޭގައި ހަރުލުމުގެ ކުރިން އެކަން ހުއްޓުވުމަށްޓަކައި ކެއްކުމަށްފަހު ވަގުތުން ސާފުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަދިގޭގައި ކައްކާ ތަން، އުނދުން ކައިރީ އަދި އެހެނިހެން ތަންތަން ރަނގަޅަށް ފޮޅާ ސާފުކުރުމުން، ވަސް ހިފާފައި ހުންނަ ތެޔޮތިކިތައް ފަދަ ލޮލަށް ނުފެންނަވަރުގެ އެތިކޮޅުތައްވެސް ސާފުކޮށްލާނެއެވެ. ކުނި ކޮތަޅު ވަގުތުން ބޭރުކުރުމަކީ ވެސް ވަސް ނައްތާލުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. އަދި ބައެއް ފަހަރު ފޮތިގަނޑުތަކާއި ކާޕެޓްތަކުގައި ވެސް ވަސް ހިފަހައްޓައެވެ. މިފަދަ ތަކެތީގައި ބޭކިންގް ސޯޑާ ކޮޅެއް ވިއްސާލުމަށްފަހު ކުޑައިރުކޮޅަކުން ވެކިއުމް ކޮށްލުމަކީ ވަސް ފިލުވާލުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ކެއްކުމުގެ ވަސް ނައްތާލުމަކީ ގޭތެރޭގެ ވެށި އުފާވެރިކޮށް ބެހެއްޓުމަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ. ރަނގަޅު ވެންޓިލޭޝަނާއި، ވިނެގާ ނުވަތަ ކޮފީ ފަދަ ގުދުރަތީ ވަސް ނައްތާލާ މާއްދާތައް ބޭނުންކުރުމުގެ އިތުރުން، ކެއްކުމަށްފަހު ވަގުތުން ސާފުކުރުމުގެ އާދަ ހިފެހެއްޓުމަކީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް ގޭތެރެއިން ތާޒާ އަދި މީރު ވަހެއް ދުވާނެއެވެ.

