އެ ރޭގެ ހަނދާން – ލިޔުނީ: އަބްދުލްޙަމީދު ޢަބްދުﷲ
އާބާދީ ކުޑަ ހިތްގައިމު ރަށެކެވެ. ސަރުކާރުގެ ދަތުރެއްގައި އަހަރެން އެހެން އެކުވެރިއަކާއި އެކު އެރަށަށް އާދެވުނީ އިރު އޮއްސެން ކައިރި ވެފައި ހުއްޓައެވެ . ރަށުގައި ގަސް ގިނަވެފައި ފެހިކަން އެކުލެވިފައި ވުމުން އަހަރެންގެ ހިތަށް ފިނިކަން ގެނުވިއެވެ. އަހަރެމެން ހުންނަން ހަމަޖެހިފައިވާ ގެއަށް ދިޔައީ އެ ރަށުން އަހަރެމެންގެ އިސްތިގުބާލަށް އައިސް ހުރި ކައުންސިލް ދެ މުވައްޒަފެއްގެ ސައިކަލުގައެވެ. އެ މީހުން އަހަރެންމެންނަށް ވަރަށްހެވެ. ރަށުތެރެ ބަލާލުމަށް ވެސް ފަސޭހަ ވާނެ ނޫންހޭ ބުނެފައި އެތަނުން އެއް ކުއްޖެއްގެ ސައިކަލު އަހަރެމެންނަށް ދިނެވެ.
"މި ރަށުގެ މީހުން ވަރަށް އަވަހަށް ނިދާނެ. ބޭރުގައި އެހާ ދަންވަންދެން ނޫޅޭތި،" އެތަނުން އެއް ޒުވާނަކު ބޭރަށް ނުކުންނަން ހިނގައި ގަތުމަށް ފަހު ބޯ ދިއްކޮށްލަމުން ބުނެލިއެވެ. އަހަރެމެން ދެ މީހުން ހިނިތުން ވެލީމެވެ.
"މާ ސަޅިއެއް ނު … މީހުން މަދުވީމަ ކިހާ ހިތްގައިމު ވާނެ…ދަންވަރު ބޭރަށް ނުކުމެލާ ބުރެއް ޖަހާލާ ހަދަން ވެސް ދޯ ޖަމީލު،" އަހަންނާއި ދިމާއަށް ނިތުން އިޝާރާތް ކޮށްލަމުން އަހަރެންގެ އެކުވެރިޔާ ވަސީމު ހީލިއެވެ. އެއީ މަލާމާތުގެ ހިންޏެކެވެ. ރޭގަނޑު އަހަރެން ބިރުގަންނާތީ އެވެ. އަހަރެން އަޅައެއް ނުލަމެވެ. ވަސީމުގެ ސަކަ މިޒާޖުގައި ދިމާކުރުމަކީ އަށަގެންފައިވާ ސިފައެކެވެ.
ގޭގެ ދޮރު ތަޅުލުމަށްފަހު ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީމެވެ. ގެއަކީ ކުޑަވަރެއްގެ ގެއެކެވެ. ދެ ކޮޓަރިއާއި ބަދިގެއެއް އަދި ސިޓިންރޫމެއް ހުއްޓެވެ. މީހުން ދިރިއުޅޭ ހިސާބާއި އެކަހެރިކޮށް ހުރި ތަނެކެވެ. އެއީ އަހަރެން ނުތަނަވަސް ވީ އެއް ސަބަބެވެ. އެކަމު އެ ވާހަކަ އެކުވެރިޔާ އާއި ވެސް ހިއްސާ ކުރާނީ ކިހިނެއް ބާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން މީ ބޮޑު ފިޑިއެކޭ ހީކޮށްފާނެތީ އެ ކަން ކުރާކަން ނުކެރުނެވެ.
އަނެއް ދުވަހު މަސައްކަތް ފަށަން ޖެހޭތީ ދެ މީހުން ނިދޭތޯ ޖައްސާލީމެވެ. ޖެހުމާއެކު އެކުވެރިޔާގެ ގުގުރީގެ އަޑު އެ ހިމޭން ކޮޓަރި އަށް ފެތުރިއްޖެއެވެ. އަހަންނަކަށް ނުނިދުނެވެ. އެކުރެވިޔާގެ ގުގުރީގެ އަޑަކުންނޫނެވެ. ބިރުވެރި ވަހުމުގެ ކަނޑުގައި ފަތަ ފަތާ އޮންނަން ޖެހުނީތީއެވެ. އެ މާހައުލުން އިވޭ އަޑުތަކަށް އަހަރެންގެ ކަންފަތް ކޮޅަށް ޖެހިގެން ދަނީ އިހުތިޔާރަކު ނޫނެވެ. ބިރުން ހުރި ވަރުންނެވެ. ޚިޔާލުތަކުގެ ސަބަބުން ނިދި އަހަރެންނާއި ރުޅިވި ކަހަލައެވެ.
ކުއްލިއަކަށް އިވުނީ ބޭރުން އެއްޗެހިތަކެއް ވެއްޓުނު ކަހަލަ އަޑެކެވެ. އެއާއެކު ކޮންމެވެސް އެއްޗެއްގެ ހަޅޭކުގެ އަޑު އިވުނުހެން ވެސް ހީވިއެވެ. އަންހެން ކުއްޖެއްގެ އަޑުހެން ވެސް ހީވިއެވެ. ވޭނީ ރިހުމެއްގެ އަޑު ކަހަލަ އަޑެކެވެ. އެ ވަގުތު ކުއްލިއަކަށް މުޅި ތަނުން ކަރަންޓު ކެނޑުނެވެ. މުޅި ގެއިންނެވެ. އަހަންނަށް ހަޅޭލަވައިގަނެވުނެވެ. އަހަރެންގެ ހަޅޭކުގެ އަޑަށް ކައިރީގައި އޮތް އެކުވެރިޔާ ފުންމައިގެން ކޮޅަށް ތެދުވިއެވެ. ކިހިނެއް ވީހޭ ގޮވާލަމުންނެވެ. އެކުވެރިޔާ ފޯނުން ލައިޓް ޖައްސާލިއެވެ. ގެންފައި ހުރި ބިރުން އެކަން ކުރަން ވެސް އަހަރެންގެ ހިތަކަށް ނޭރިއެވެ.
"ޖަމީލު ތިދެން ކޮންކަމެއް ކަރަންޓު ދިޔަސް ތިވަރު ވާކަށް ނުވާނެ އެއްނު،" އަހަރެންގެ އެކުވެރިޔާ ވަސީމް ހިނިގަނޑެއް ޖަހާލަމުން ވާހަކަ ދެއްކިއެވެ.
"ވަސީމަކަށް ނޭނގޭނެ …ނިދާފަ ވީއްޔަ އޮތީ..- ފާޑެއްގެ އަޑުތަކެއް ވެސް އިވުނޭ.. .ހީވީ އަންހެން ކުއްޖެއް ހެން… ޖެހިގެން ހުރި ކޮޓަރިން އަންހެން ކުއްޖެއްގެ ވޭނީ ރުއިމުގެ އަޑު….ހާދަ ބިރުގަތޭ ވަސީމު،" އަހަރެން ހުރީ ބިރުންނެވެ. ޖެހިލުން ވެފައެވެ. އެ އަޑު އަދި ވެސް ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުރި ކަހަލައެވެ.
"އެ ބުނީ…. ތީ ބިރުން ހުރީމަ ވީގޮތޭ…. ހިނގާބަލަ ސާކެޓެއް އެއްޗެއް ވެއްޓިފައި ހުރިތޯ ބަލާލަން،" ވަސީމު އުޅުނީ ބޭރަށް ނުކުންނާށެވެ.
"ނުކުންނާނެ ކަމެއް ނެތް.." ވަސީމު ކޮޓަރިން ނުކުންނަން އުޅުމުން އެކަމަށް އަހަރެން ހުރަސް އެޅީމެވެ.
"މަށަކަށް ނުކެރޭނެ ނުކުންނާކަށް…ގުޅާބަލަ އެ އުޅޭ ތަނުން މީހަކަށް،" ހާސްވެފައި އަހަރެން ބުނީމެވެ.
"އަންހެން ކުއްޖެއް ވީއްޔަ…ނިކުމެގެން ނަސީބު އަތުގާ ޖެހޭނީ ވެސް ޖަމީލު…ޖަމީލު ވީއްޔަ ހުސްކޮށް ހުރީ،" ހިނިގަނޑެއް ޖަހާލަމުން ވަސީމު ވާހަކަ ދެއްކިއެވެ.
ނަސީބަކުން މާ ބޮޑު އިތުރަށް އެއްޗެއް ނުކިޔާ ވަސީމު ގުޅިއެވެ. ކުޑަ ހިނދުކޮޅަކަށް ފަހު ފޯނު ބޭއްވިއެވެ. ހެމުންނެވެ. އަހަރެންގެ ގާތަށް ރުޅި އައެވެ. މި ޚައްސާސް ދަނޑިވަޅުގައި ވެސް ވަސީމުގެ ސަކަ މިޒާޖުގެ ސަބަބުންނެވެ. އަހަރެން ރުޅި އައިސްފިކަން އެނގުމުން ވަސީމް ހުނުން ހުއްޓާލިއެވެ.
"ހަމަ ޖެހިބަލަ މުޅި ރަށުންނޭ ކަރަންޓް ދިޔައީ …ދިހަވަރަކަށް މިނެޓް ތެރޭ އަންނާނެޔޯ …އެހާ ބޮޑަށް ހާސް ނުވެބަލަ ….މަ ވެސް މި ހުރީނު…އެހެން ނޫނަސް މި ޒަމާނުގައި ތިކިޔާ ރޫހެއް ނޫޅޭނެ …އެއީ ހުސް ފުލޯކު،" ވަސީމު އެހެން ބުނުމާއެކު އަންހެނެއްގެ ހުނުމުގެ އަޑު އިވުނެވެ.
"ވަސީމަކަށް ނުއިވޭތަ؟" އަހަންނަށް ވައި އަޑުން އަހައިލެވުނެވެ.
"ނޫން އިވެއްޖެ …އަސްލު ވެސް ރޫހު އުޅެނީބާ؟" ވަސީމު އެހެން ބުނި ވަގުތު ކަރަންޓް އަތުވެއްޖެއެވެ. ވަސީމުގެ މޫނު މަތިން ހާސްކަމުގެ އަސަރު ފެންނަން ހުއްޓެވެ.
ޖެހިގެން އައި ދުވަހު މަސައްކަތް ނިންމާލާފައި އަހަރެމެން ތިބީ ކޮފީގައެވެ. ކައުންސިލުން އަހަރެމެންނާ ހަވާލުވެ ހުރިތަނުން އެއް ކުއްޖަކު ވެސް އަހަރެމެންނާ ބައިވެރިވިއެވެ. ވަސީމު ދެއްކީ ރޭގެ ހާދިސާގެ ވާހަކައެވެ. އެވާހަކަތައް އަޑު އިވުމުން އެ ކުއްޖާ ހިމޭންވިއެވެ. ކުޑަ ހިދުކޮޅަކު ހިމޭނުން ހުރުމަށް ފަހު އެ ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.
"އަސްލު އެހެން ތަނެއް ނުވެގެން އެ ގެ ހިފީ… މާދަން އެހެން ތަނެއް ލިބިދާނެ… ބަދަލުވާން ދޯ ބޭނުމީ،" އެ ކުއްޖާގެ ވާހަކައިން އެ ގޭގައި ނޭނގޭ ސިއްރުތަކެއް ވާކަން އަހަންނަށް ފާހަގަވިއެވެ.
"އެހެންތަނެއް ނުލިބިގެންނޭ ބުނީމަ ހީވަނީ އެތަން ހިފަން ބޭނުން ނޫން ހެން ކިހިނެއްވީ އެ ގެ؟" އަހަރެން ނުހުރެވިގެން އެހީމެވެ.
"އަސްލު އެ ވާހަކަ ނުކިޔަން މި ހުރީ…ތި މީހުން ބިރުގެންފާނެތީ. އެ ގޭގައި މީގެ ފަސް ވަރަކަށް އަހަރެއް ކުރިން އަންހެން ކުއްޖެއް ނިޔާވެފައި އޮތް،" އޭނާ ކިޔައިދެމުން ދިޔައީ ބިރުވެރި އެކަމަކު ޝައުގުވެރި ވާހަކައެކެވެ.
"އޭނ އަންހެން ކުއްޖެއް ނިޔާވެފައި އޮތޭ!" އަހަންނަށް ރޭގެ ހާދިސާ ހަނދާނަށް އައެވެ.
"ހޫނ ކެތްތެރިކަމާއެކު އަޑު އަހާބަލަ،" ވަސީމު އަހަރެންގެ ވާހަކަ މެދު ކަނޑާލިއެވެ.
"އާނ.. އަންހެއް ކުއްޖެއް…ދަންޖެހިފައި …ބައެއް މީހުން ކިޔާ ދަންޖެއްސީއޭ ވެސް…އަނެއް ބައަކު ކިޔާ އަމިއްލައަށޭ ވެސް ދެން ނޭނގެ،" އެ ކުއްޖާ އަށް އެނގޭވަރުން އެކަން ހިނގިގޮތް ކިޔައިދިނެވެ.
"އަހަރެންގެ ވާހަކަ ދައްކާ…މިހާ ބިރުން ގޮސް ތިއޮށްދާ ހިއްލަނީ،" ވަސީމަށް ވާގޮތް ފެނިފައި އަހަރެން ދިމާ ކޮށްލީމެވެ.
"އަސްލު ވެސް ރޫހަކީ އުޅޭ އެއްޗެކޭ… ޖަމީލު ބިރުން އުޅޭތީ އަހަންނަށް ބުނެވުނީ … ދެން ނޭނގެ އޭތި ހަދާނެ ގޮތެއް ވެސް،" ވަސީމު ހުރީ ހަގީގަތުގައި ވެސް ބިރުންނެވެ.
"ކިހިނެއް ވީ ވަސީމު އެހާ ބިރުން ތިޔަ ތެޅެން ފެށީ،" ވަސީމު އުޅޭ ގޮތުން އަހަރެން ހުރީ އަޖައިބު ވެފައެވެ.
"ކަމެއް ނުވޭ މާދަން ވާނެ ކޮންމެ ގޮތަކަށް ވެސް ގެ ބަދަލުވާން،" ވަސީމު އެދުނެވެ.
އެ ހިސާބުން އެވާހަކަ ދެއްކުން ނިންމާލީއެވެ. ކުރަން އައި މަސައްކަތް ނުމުނު އިރު ރޭގަނޑު ދިހައެއް ޖަހަނީއެވެ. ވެފައި ހުރި ވަރުބަލީގެ ބޮޑުކަމުން އަހަރެމެން ގެއަށް އައިސް ޖައްސާލީމެވެ. ވަސީމު ފޯނުން ޗެޓްކުރަން އޮތެވެ. އެއީ އޭނަގެ އާދައެވެ. އެއް ކުއްޖަކާ ރައްޓެހިވެގެން މާ ގިނަ ދުވަހު އޭނާއެއް ނޫޅޭނެއެވެ. އަހަންނަށް ވެސް އެކަން އެނގެއެވެ.
އަހަންނަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ހޭލެވުނީ ވަސީމު ގެ ހަޅޭކުގެ އަޑަށެވެ. އޭރު އޭނާ ކޮޓަރީގައެއް ނެތެވެ. ބިރުން ހުރެފައި އަހަރެން ކޮޓަރިން ނުކުތީމެވެ. އަނދިރީގެ ތެރެއިން އިވެނީ ވަސީމުގެ ހަޅޭކުގެ އަޑެވެ. އަހަރެން ހަލުވި ކަމާއެކު ގޮސް ބޮކި ދިއްލީމެވެ. ވަސީމު އަމިއްލަ ކަރުގައި ދެ އަތުން ހިފައިގެން ތެޅި ފޮޅެނީއެވެ. ހާސްވެގެންނެވެ. ވަސީމުގެ ދެ ފައި ބިމުގައެއް ނުޖެހެއެވެ. ހީވަނީ މީހަކު އުފުއްލާލައިފާ ހުރި ހެނެވެ. ދެ ލޯ ބޮޑުވެފައި ލޮލުން ކަރުނަތައް ފައިބައެވެ. ދެން އެހެން ނޫޅޭނަމޭ ގޮވަމުން ވަސީމު ގެންދިޔައެވެ.
ކާކުގެ ނަސީބު ކަމެއް ނޭނގެއެވެ. އެންމެ ފަހުން ވަސީމު ގުޅައަކަށް ބިންމައްޗަށް ޖެހުނެވެ. އެއާއެކު އަންހެނެއްގެ ހުނުމުގެ އަޑާއެކު މުޅިތަނަށް ގަދަ އައްޔެއް ފޭދިގެން ދިޔައެވެ. ބަލި އަޑަކުން ވަސީމު އެދުނީ ފެން ފޮދަކަށެވެ. އަަހަރެން އަވަސް އަވަހަށް ވަސީމަށް ފެން ފޮދެއް ދިނީމެވެ.
ކުޑައިރުކޮޅަކުން ވަސީމު ހަމައަކަށް އެޅުމުން އަހަރެން ވީގޮތް އޮޅުން ފިލުވީމެވެ. ވަސީމު ކިޔައިދިން ގޮތުގައި އޭނާ ކުރިން ރައްޓެހިވި ކުއްޖަކު ބަލިވެ އިނުމުން ހަވާލުނުވެ ދުރަށް ދިޔައީއެވެ. އެއަންހެންކުއްޖާ ވަސީމުގެ ކެހިވެރިކަމާއި ބޭވަފާތެރިކަމުގެ ހިތާމައިގާ ވަނީ ދުނިޔެ ދޫކޮށްފައެވެ. އަންހެންކުއްޖާގެ ރޫހު ބޭނުންވީ ވަސީމު ކިބައިން ބަދަލު ހިފަންކަމެއް ވަސީމު އިސްލާހު ވާންކަމެއް ނޭނގެއެވެ.
އެނގޭ ހާވެސް ވަރަކީ އެ ރޭގެ ހަނދާންތައް އަބަދުމެ އަހަރެންގެ ސިކުނޑީގައި ފެވިފައިވާކަމެވެ.
= ނިމުނީ =

