ނިލަންދޫ ކައުންސިލް ރާވެރިޔާ ވޮލީ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް ދަތުރުކޮށްފިއެވެ.
ނިލަންދޫ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި މެޗު ޓޮޕް ބްރަދާސް ކާމިޔާބު ކުރީ މަރަޓާ ވާދަކޮށް 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއިއެކު ޓޮޕް ބްރަދާސް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓުން ފަށައިގެން މަރަޓާ އައީ މެޗު ތެރެއަށްވަދެ ޓޮޕް ބްރަދާސްއަށް ޕްރެޝަރ ދެމުންނެވެ. މެޗުގެ ފުރަތަމަ ސެޓު 14-25 އިން ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓު ކާމިޔާބު ކުރެވުނީ 25-21 އިންނެވެ. މެޗުގެ ތިން ވަނަ ސެޓު މަރަޓާއިން ކުޅުން ވަރަށްބޮޑަށް ރަނގަޅުކޮށް އެ ސެޓު 20-25 އިން ކާމިޔާބު ކުރިއެވެ. އެހެން ނަމަވެސް މެޗުގެ ހަތަރު ވަނަ ސެޓު 23-25 އިން ކާމިޔާބުކޮށް ޓޮޕް ބްރަދާސް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓޮޕް ބްރަދާސްގެ ޖާޒީ ނަންބަރު 19 ޝަމާއިލް މުހައްމަދުއެވެ.
މިދިޔައަހަރު މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ޓޮޕް ބްރަދާސްއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ބޮންބޮން ސްޕޯޓްސް ކުލަބު އެ މުބާރާތުގައި ބަލިވެފައިވަނީ ހަމައެކަނި ޓޮޕް ބްރަދާސް އަތުންނެވެ.
މުބާރާތުގެ ފިރިހެން 6 ޓީމް ބަހާލައިފައި ވަނީ 2 ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮންބޮން ސްޕޯޓްސް ކްލަބް ލެޖެންޑްސް، އަދި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ބޮންބޮން ސްޕޯޓްސް ކުލަބު، މަރަޓާ ވޮލީބޯލް ޓީމް، އަދި ދަ ރެޒިޑެންސް މޯލްޑިވްސްއެވެ.
މި މުބާރާތުގައި އަންހެން ޑީވިޝަންގެ 4 ޓީމް ބައިވެރިވެފައި ވުމާއިއެކު މި ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންމެ ފަހުގެ ގެމަނަފުށި ވޮލީބޯލް ކުލަބު، ގއ މާމެންދޫ ވުމެންސް ޓީމް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، އަދި ބޮންބޮން ސްޕޯޓްސް ކުލަބެވެ. . އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިމާލް ( ބުޅިކޭ ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ.
އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ކެޕްޓަން މާޖިދާ، މާޔާ، ހައްވަ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

