އއ. އުކުޅަހުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި 1000 ކިލޯވޮޓްގެ ބޮޑު ޖެންސެޓެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން މިހާރު ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯއިން “އެކްސް”ގައި ކުރި ޕޯސްޓެއްގައި ބުނީ، އއ. އުކުޅަހަށް ލޯކަލް ޓުއަރިޒަމްގެ ދާއިރާއިންނާއި، އުމްރާނީ ގޮތުން އަންނަމުންދާ ތަރައްޤީއާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެފައިވާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މި ޖެންސެޓު މިހާރު އެ ރަށަށް ގެންދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު އުކުޅަހުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެ، ރައްޔިތުންނަށް ދިމާވާ ކަރަންޓުގެ ދަތިކަން ހައްލުވެގެންދާނެއެވެ.
ކަރަންޓު ކެނޑުމުގެ މައްސަލަ އަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ އެކި ރަށްތަކުގައި ދިމާވަމުން އަންނަ މައްސަލައަކަށްވާއިރު، މި މައްސަލަ ހައްލު ކުރުމަށްޓަކައި ރަށްތަކަށް އިތުރު ޖެނެރޭޓަރުތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއާއި ފެނަކަ ފަދަ ކުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އއ. އުކުޅަހަށް މި ޖެންސެޓު ގެންދިޔުމަކީ އެ ރަށުގެ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

