ހުޅުމާލޭގަައި ކާރެއް ކޮންޓްރޯލުން ނެއްޓި ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރައިފިއެވެ.
ހުޅުމާލޭގައި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އަރިމަތީގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުގައި ކަމަށެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ މަގުން ދުއްވާފައިދިޔަ ކާރެއް، ކުރިމަތިން އައި ކާރަކުން ނައްޓައި ދާން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުވެ، ސައިކެއްގަައި ޖެހި އެކްސިޑެންޓްވުމަށްފަހު ފިހާރައެއްގައި ޖެހިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިއަދު ހެނދުނު މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާއިރު، އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކްސިޑެންޓްގެ ސަބަބުން ފިހާރައަށާއި ކާރަށް ވަނީ ގެއްލުންތަކެއް ވެފައެވެ.
މި މައްސަލައާއި ގުޅިގެން ކާރުގައި ތިބި ދެ ދިވެހި ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެއީ އުމުރުން 29 އަހަރާއި 26 އަހަރުގެ ދެ މީހުންނެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

