ފ. ނިލަންދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ބޮޑު މަސް ފެކްޓްރީއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޕްރައިވެޓް ކޮންޓްރެކްޓަރެއް ކަމަށްވާ އެތިއޯން ޕްރައިވެޓް ލިމިޓެޑް އާ އެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ސަރުކާރުން އިސްކުރައްވާ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުންނެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ، ރައްޔިތުންނާ ގުޅުންހުރި ތަރައްގީގެ މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނާ ގުޅުންހުރި ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ފެށުނު މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، ފ. ނިލަންދޫގައި ގާއިމްކުރެވޭ މަސް ފެކްޓްރީއަށް ބޭނުންވާ ޖުމްލަ 3.2 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ފެކްޓްރީގެ މަސައްކަތްތަކަށް ބޭނުންވާ ބަނދަރެއް ވެސް މި މަޝްރޫޢުގެ ތެރެއިން ތަރައްގީކުރެވޭނެއެވެ. މި ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ނިމުމުން، ފެކްޓްރީގެ އަމަލީ މަސައްކަތް ފެށުމަށް މަގުފަހިވެގެންދާނެއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން، ސަރުކާރަށް މާލީ ބުރައެއް ނެތި، ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއެކު ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެއެވެ.
“މި އުސޫލަކީ ގައުމީ ތަރައްގީގެ މަސައްކަތްތައް ހަލުވިކޮށް، ރައްޔިތުންނަށް ފަސޭހައިން ތަރައްގީގެ ނަތީޖާ ލިބޭނެ ގޮތްތަކެއް ހޯދުމަށް ސަރުކާރުން ބާރު އަޅުއްވާ އުސޫލެއް،” ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ނިލަންދޫގައި މިފަދަ ބޮޑު މަސް ފެކްޓްރީއެއް ގާއިމުވުމަކީ، އެ ރަށާއި ވަށައިގެންވާ ރަށްރަށުގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ހާއްސަގޮތެއްގައި، މަސްވެރިކަމަށް ބަރޯސާވެފައިވާ މި ސަރަހައްދުގެ މަސްވެރިންނަށް އެމީހުންގެ މަސް ވިއްކާނެ ފަސޭހަ ގޮތްތަކެއް ފަހިވެ، އާމްދަނީ އިތުރުވުމުގެ އިތުރުން، އެހެނިހެން ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

