މި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު "ލިލީ" ގައި ގެނެސްދޭ ހާދިސާތައް ދިމާވި ކުއްޖާގެ ވާހަކަތައް ކުރުގޮތަކަށް އާންމުކޮށްފި އެވެ. ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެ އެވެ.
އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައި، އަންހެން ކުއްޖެއްގެ އަޑުން ކިޔައިދިނީ އަޑު އަހަން ފަސޭހަ ނުވިޔަސް ހަގީގަތެވެ. ކޮންމެވެސް މީހަކު ވަރަށް އަނިޔާ ކުރި ކަމަށާއި، އޭނާ ފެނުނަސް އަދިވެސް ގަބު ވެފައި އިންނަ ކަމަށް އެކުއްޖާ ބުނެ އެވެ. ރޮމުން އެ އަންހެން ކުއްޖާ ބުނި ބައެއް ޖުމްލަތަކުން އެކުއްޖާ އުފުލާފައިވާ ތަކުލީފާއި ވޭން ހާމަވެއެވެ.
"ލަކުނެއް ނެތަސް އަދިވެސް ބިރުގަނޭ، މިއީ އިންސާނަކަށް ކެތްވާނެ ވަރެއްތަ، އޭނާ ފެންނަ ކޮންމެ ފަހަރަކު އަދިވެސް މަ މިއިންނަނީ ގަބުވެފަ، އޮތްތަނުން ގުޑިލާނެ ގޮތެެއް ނޭނގިފަ އެބަ އޮންނަމޭ އެތައް ރެޔަކު،"
"އެކަމަކު އެއީ މަގޭ މަންމައޭ،" ވެސް ވީޑިއޯގައި ބުނެފައިވާކަން ފާހަގަކޮށްލެވެ އެވެ.
"ލިލީ" އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް އުފައްދާ ފިލްމެއް ނަމަވެސް، ފިލްމުގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހިމް ބުނީ ހަގީގީ ހާދިސާތަކުގެ ތެރެއަށް ހިޔާލީ ކަންތައްތަކެއްވެސް އިތުރުކޮށްފައި ވާނެ ކަމަށެވެ. އަދި އަސްލު ހާދިސާތަކުގެ އަސްލު ނުގެއްލޭނެހެން މީހުންގެ ނަންތަކާއި ރަށުގެ ނަންވެސް ބަދަލުކޮށްފައި ވާނެކަމަށް އަޒްހާން ބުންޏެވެ. މީގެ މަޤްސަދަކީ ހާދިސާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ އަބުރާއި ސަލާމަތަށް އިސްކަން ދިނުމެވެ.
މުހައްމަދު އަރީހް ޕްރޮޑިއުސް ކުރާ މި ފިލްމަށް މުޅި ރާއްޖެއިން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ލިލީގެ ޓިކެޓު އޮލިމްޕަހުގައި ވިއްކަން ފެށި ދުވަހު ދިގު ކިޔުއެއް މަގުމަތީގައި ހަދާފައި ފުރަތަަަަަަަަަަަަަަަަަަަަަަަަަަަަަ މި ފިލްމަށް އޮތް ޝައުގުވެރިކަން ހާމަކޮށްދޭ ކަމެކެވެ. މިހާރު ވެސް ލިލީގެ ތިން ޝޯވގެ ޓިކެޓު ދަނީ ވިއްކަމުންނެވެ. އަދި މިއަދު ވަނީ އިތުރު ދެ ޝޯވއަށްވެސް ޓިކެޓު ވިއްކަން ފަށައިފަ އެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް ލިލީ އަޅުވަން މިހާރު ދަނީ ޓިކެޓު ވިއްކަމުންނެވެ.
ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގު ހިމެނެ އެވެ. ފިލްމުގެ މަންޒަރުތައް ނަގާދީފައިވަނީ ސަމާހު އިބްރާހިމް އެވެ. މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީގު އެވެ. ލަވަތަކުގެ ޅެމާއި ރާގުތައް ހެދީ މުހައްމަދު އަބްދުލް ގަނީ އެވެ. އަދި ފިލްމުގެ އޮރިޖިނަލް ބެކްސްކޯ ތައްޔާރުކޮށްފައިވަނީ ފަތުހުއްލޯ ޝަކީލް އެވެ.
ލިލީ ފިލްމުގެ ޓިކެޓް ނެންގެވޭނީ 7505079 އަށް ވައިބާ ކުރައްވައިގެން ނުވަތަ https://book.lilythemovie.com އަށް ޒިޔާރަތް ކުރައްވައިގެންނެވެ.

