އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދެމުންދާ އެހީތެރިކަން އިތުރުކުރުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު 170.5 އިންސައްތަ އިތުރުކުރަން ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ދައްކައިފިއެވެ. މި އިތުރުވުމަކީ އެކަނިވެރި މައިންބަފައިންނަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި ކޮންމެ ކުއްޖަކަށް ދޭ ފައިސާގެ އަދަދު ބޮޑުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން އައި ބަދަލެކެވެ.
ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު، ފާއިތުވި 2024 ވަނަ އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް ދިނުމަށް ހަރަދުވީ 66.7 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ނިޔަލަށް އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތް ދިނުމަށް ހަރަދުވާނެ ކަމުގައި ބެލެވެނީ 78.4 މިލިއަން ރުފިޔާއެވެ. ނަމަވެސް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މި ބައިގެ ހަރަދު ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ.
އަންނަ އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް ދިނުމަށް 211,608,000 (ދުއިސައްތަ އެގާރަ މިލިއަން ހަލައްކަ އަށްހާސް) ރުފިޔާ ހަރަދުވާނެ ކަމުގައި އަންދާޒާކޮށްފައިވެއެވެ. އެއީ މި އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތަށް ހޭދާވާނެ ކަމުގައި ބެލެވޭ އަދަދާ އަޅާބަލާއިރު 170.5 އިންސައްތަ އިތުރު އަދަދެކެވެ. މި އިތުރުވުމަކީ އެކަނިވެރި މައިންބަފައިންނަށް ދައުލަތުން ދޭ އިނާޔަތުގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން ގެނެވުނު ބަދަލެކެވެ.
އެކަނިވެރި މައިންބަފައިންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ ފާއިތުވި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރިޔާސީ އިންތިހާބުގައި ރައީސް ވެވަޑައިގެންފައިވާ ވައުދެކެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިހާތަނަށް ދައުލަތުން އެކަނިވެރި މައިންބަފައިންނަށް އިނާޔަތުގެ ގޮތުގައި ދެމުންއައީ ކޮންމެ ކުއްޖަކަށް 2,000 ރުފިޔާއެވެ.
ސަރުކާރުގެ މި ނިންމުމާއެކު އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތް ލިބެންޖެހޭ 5,878 މީހުންނަށް ކުރިން ލިބެމުންއައި ފައިސާއަށްވުރެ ބޮޑުތަނުން ދައުލަތުން ދޭ ފައިސާ އިތުރުވާނެއެވެ. މިއީ އެކަނިވެރި ހާލުގައި އެހެން މީހެއްގެ އެހީތެރިކަމެއް ނެތި ދަރިން ބަލާ މަންމައިންނާއި ބައްޕައިންނަށް ލިބިގެންދާނެ ބޮޑު މާލީ ލުޔަކަށްވާނެއެވެ.

