ކަށިމިޔަރު މަސްވެރިކަމުގެ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފިޝަރީސް ކޮންޕްލެކްސް ސެކްޝަންގެ ޑިރެކްޓަރ މަލީހާ ހަލީމްއެވެ.
މަލީހާ ވިދާޅުވީ، މި ޚާއްޞަ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ކެޔޮޅު ޕޯޓަލް މެދުވެރިކޮށް އެންމެ ފުރަތަމަ ހުށަހަޅާ 40 އުޅަނދަށް ކަމަށެވެ. އަދި ކަށިމިޔަރު ބާނާ އަދި ކިރުވުމަށް ޚާއްސަ 4 ބަނދަރެއް ކަނޑައަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ހދ. ކުޅުދުއްފުށި ބަނދަރާއި، ށ. ފުނަދޫ ބަނދަރާއި، ރ. މަޑުއްވަރި އަދި އއ. ހިމަންދޫ ބަނދަރެވެ.
މީގެ އިތުރުން، މި ކަނޑައެޅުނު ކޮންމެ ރަށެއްގައި މިނިސްޓްރީގެ އެޖެންޓެއް ހުންނާނެ ކަމަށާއި، މަސް ކިރަން އުޅަނދު އަންނައިރު އެޖެންޓަށް އެކަން އަންގާ މަޢުލޫމާތު ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މަލީހާ ފާހަގަކުރެއްވިއެވެ. މިއީ ކަށިމިޔަރު މަސްވެރިކަން ރަނގަޅަށް މޮނިޓަރކުރުމަށްޓަކައި ހަމަޖައްސާފައިވާ އިންތިޒާމެކެވެ.
ކަށިމިޔަރު މަސްވެރިކަމާއި އެކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން އެކަންކަން ކުރަން ވާނީ މިނިސްޓްރީން ދޫކުރާ ލައިސެންސްގެ ދަށުން ކަމުގައި މަލީހާ ވިދާޅުވިއެވެ. މީގެ ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުތަކާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަންތަނާ އަދި ސަޕްލައި ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް ހިމެނެއެވެ.
ޑިރެކްޓަރ މަލީހާ އިތުރަށް ވިދާޅުވީ، މި ލައިސެންސްތައް ދޫކުރެވޭނީ 1 އަހަރުގެ މުއްދަތަކަށް ކަމުގައި ވީނަމަވެސް، މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 1 ފެށިގެން ދެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. މިކަމަށް ހުރިހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

