ގައުމު ބިނާކުރުމުގައި ސިއްހަތަށް އިސްކަންދީގެން ނޫނީ އުފެއްދުންތެރިކަމާއި ތަހުޒީބާއި އުފާވެރިކަން ލިބިގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ކެއުންބުއިމުގެ ނުރަނގަޅު އާދަތަކުން ސިއްހަތަށް ލިބޭ ގެއްލުންތަކަށް އަހުލުވެރިކުރުވުމަށް ސަރުކާރުން އިފްތިތާހުކުރެއްވި “ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު” ޤައުމީ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ދިރިއުޅުމާއި ކެއުންބުއިމުގެ ރަނގަޅު އާދަތައް ދަސްކޮށް އެކަމަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއެވެ. ގައުމެއް ބިނާކުރުމުގައި ސިއްހަތަށް އިސްކަންދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި އެކަމުގެ ސަަބަބުން އެ ޤައުމަކަށް އެތައް ގޮތަކުން ކުރިއެރުންތައް އަންނާނެ ކަމަށާއި، “ތޫނު ސިކުނޑިތަކެއް، މުރާލިއަތްތަކެއް، ހިވާގިކެރޭ ހުނަރުވެރިންތަކެއް އުފެދޭނީ އޭރުން. އެފަދަ ގައުމެއްގައި އޮންނާނީ އުފާވެރިކަމާއި ހިތްފަސޭހަކަމާއި ތަހުޒީބާއި އުފެއްދުންތެރިކަން” ކަމަށް އެކަމަނާ އިތުރަށް ވިދާޅުވިއެވެ.
މެޑަމްް ސާޖިދާ މުހައްމަދު ވަނީ ސަލާމަތް ސިއްހަތާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އިސްލާމްދީންވެސް ބާރު އަޅާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހަލާލު ރަނގަޅު ކާބޯތަކެތި ކެއުމަށާއި، ކެއުން ބުއިމުގައި ވަކި މިންތަކެއް ގެންގުޅުމަށް ގުރުއާނާއި ސުންނަތުގައި އަންގަވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ދިވެހިން މުސްލިމުންނަށް ވީތީވެސް މި ޤައުމު ދުޅަހެޔޮ އުފާވެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ފަސޭހަވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައްޔިތުންގެ އާއްމު ފައިދާއަށް ސަރުކާރުން ހިންގަވާ ޤައުމީ ކަންކަމުގައި ދިވެހިންނަކީ އަބަދުވެސް އެއްބާރުލުންދޭ ބައެއްކަން ފާހަގަކުރައްވައި، ރައީސް މައުމޫނާއި ރައީސް ނާސިރުގެ ވެރިކަމުގައި ހިންގެވި ޤައުމީ ބޮޑެތި ކެމްޕެއިންތަކަށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ބޮޑު ތަރުހީބު ފަސްޓް ލޭޑީ ހަނދާންކޮށްދެއްވިއެވެ. އަދި މިހާރުވެސް ސަރުކާރުން ހިންގަވާ މިފަދަ ގައުމީ ހަރަކާތްތަކަށް ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެކަން އެކަމަނާ ޔަޤީންކުރެއްވިއެވެ. އެގޮތުން، “ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިއުލާންކުރެއްވި ޖެނެރޭޝަނަލް ބޭންއަށް ބޮޑު ތަރުހީބެއް ލިބޭ މަންޒަރު އެބަފެނޭ” ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ދިވެހިންގެ ތަބިއްޔަތު ހުންނަގޮތުން ދިވެހިންނަކީ އަބަދުވެސް ރަނގަޅު ކަންކަމަށް އާނއެކޭ ބުނާ ބައެއްކަމަށެވެ. އަދި ދިވެހިންގެ ސިއްހަތަށް ހެޔޮ ބަދަލެއް ގެނެވޭ ގައުމީ ކެމްޕެއިނެއް މި އިފްތިތާހުކުރެވުނީ އެކަމަށް ގައުމު ވަރަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށް ވާތީ، މި ކެމްޕެއިންގައި މުޅި ރާއްޖެ ބައިވެރިވާނެކަން ޔަގީންކުރައްވާ ކަމަށްވެސް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

