ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސިއްޙީ ވުޒާރާއިން “ހެލްތު އެކްސްޕޯ”ގެ ނަމުގައި ޚާއްސަ އެކްސްޕޯއެއް ބޭއްވުމަށް ނިންމައިފިއެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ބައިވެރިވުން އިތުރު ކުރުމަކީ މި އެކްސްޕޯގެ މައިގަނޑު މަޤްސަދެވެ. ހެލްތު އެކްސްޕޯ 2025 އަކީ މި ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ އެކްސްޕޯއެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި އެކްސްޕޯއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މިއަހަރުގެ ހެލްތު އެކްސްޕޯގައި 50 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުންވެސް ބައިވެރިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، 50 އަށްވުރެ ގިނަ ފަރާތްތައް ބައިވެރިވެފައިވާ މި އެކްސްޕޯގައި އެންޖީއޯތައް، އޯގަނައިޒޭޝަންތައް، ހޮސްޕިޓަލްތައް، ކްލިނިކްތަކާއި، ހެލްތުގެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ހެލްތު އެކްސްޕޯއަކީ ވަކި އުމުރުފުރައަކަށް ޚާއްސަ ކުރެވިފައިވާ އެކްސްޕޯއެއް ނޫން ކަމަށެވެ. އެގޮތުން އެކްސްޕޯގެ ތެރެއިން ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އެކްސްޕޯއަކީ ރައްޔިތުންގެ ސިއްޙީ ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ސިއްޙީ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

